ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ށ. ބިލަތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، ށ.ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވުމަށާއި، ށ.ފުނަދޫ އެއަރޕޯޓް ބިންހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، ށ.މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ހަފުތާގައި ކ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ، ތުލުސްދޫއާއި މާފުއްޓާއި ގުރައިދޫއަށް ވަޑައިގެން އެ ރަށްތަކަގެ ބައެއް ތަރައްގީގެ މަޝްރޫއުތައް ފަށްޓަވާ ދެއްވާ އަދި ބައެއް މަޝްރޫއުތައް ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މިދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ތުލުސްދޫ އާއި ގުރައިދޫގެ ބަނދަރު ހުޅުއްވައިދެއްވާ މާފުށީ ގެ ރަށްގިރުން ހުއްޓުވަން ކުރިއަށް ގެންދެވި މަޝްރޫޢުގެ ނިމުން ފާހަގަ ކުރައްވާފައެވެ. އަދި މީގެ އިތުރުން ގުރައިދޫ ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢު ވެސް ރައީސް ފައްޓަވައިދެއްވާފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ބޮޑެތި މަޝްއޫތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންދާއިރު ރައީސް ޔާމީން ތަރައްގީ ކުރަވަމުން އެގެންދަވަނީ ހަމައެކަނި މާލެއެއް ނޫން ކަމަށާއި ރާއްޖޭގެ އަތޮޅުތަށްވެސް އެގެންދަވަނީ ތަރައްގީ ކުރަވަމުން ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ދަނީ ބުނަމުންނެވެ. އޭގެތެރޭގައި ބްރިޖާ އެއާޕޯޓާއި 25 ބުރީގެ އިމާރާތް ނުވަތަ އަތޮޅުތަކު ތެރޭ ހަދަމުންދާ ބަނދަރާއި ހިއްކަމުންދާ ބިންތަކާއި ފްލެޓުތަކުން ވެސް މިކަން ހާންމަވެގެން ދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު