ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާއްމު ކުރި 'ޔާޔާ' ނަބީލުގެ ބަންދަށް އިތުރު 12 ދުވަސް ޖަހައިފިއެވެ.

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމު ކޮށްފައިވާ މައްސަލައިގައި އުމުރުން 36 އަހަރުގެ ނަބީލް ހައްޔަރު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރު ކުރުމަށްފަހު 13 ވަނަ ދުވަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭރު ވަނީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

އޭރު މުއްދަތުގެ މަޖިލީހުގެ އޭނާ ބުނެފައިވަނީ ޓިކްޓޮކްގައި ބަރަހަނާވެ އެފަދަ ވީޑިއޯއެއް އޭނާ ހަދާފައިވާ ނުވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ފުލުހުން މިއަދު "ވަގުތު" އަށް ވިދާޅުވީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރު ކުރުމުން އިތުރު 12 ދުވަހުގެ މުއްދަތެއް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ދީފައިވާ ކަމަށެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އާއްމު ކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭރު ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމު ކުރުމަކީ އެއެޕްލިކޭޝަން ބުނާ ގޮތުން ވެސް މަނާ ކަމެކެވެ. އެހެންކަމުން ބަރަހަނާ ވީޑިއޯ އާއްމު ކުރުމާއިއެކު އެދިވެހި މީހާގެ އެކައުންޓް ވެސް ވަނީ ބޭން ކޮށްފައެވެ.

ޓިކްޓޮކްގައި ވަރަށް ގިނަ ދިވެހިން އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ވީޑިއޯތައް އާއްމު ކުރެއެވެ. އެފަދަ ވީޑިއޯތައް އާއްމުކުރާ މީހުންނަށް ގިނަ ބަޔަކު ފާޑުވެސް ކިޔައެވެ.