ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާފަށް އެދި ތައުބާވެއްޖައިން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ހެއްކާއި ބެހޭ ގާނޫނަށް ބަހުސް ކުރަމުން އިއްޔެ ޖާބިރު މަޖިލިސް ޖަލްސާގައި ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ މަޖިލީހުގައި އެގޮތައް ވާހަކަ ދެކެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ. އެކަމަށް ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑަށް މަޖިލީހުގައި އެހެން ބުނެވުނީ ޖަޒުބާތުގައި ޖެހިގެން. ދިވެހި ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން އެފަދަ ގޮތަކަށް ވާހަކަ ދެކެވުނީތީ. ޖާބިރު ދެން އެކަހަލަ ވާހަކައެއް ދެން ނުދައްކާނެ. އިސްލާމް ދީނަށް އުނިކަމަށް އައިސްދާނެ ވާހަކައެއް ދެކެވުމުން އެކަމަށް އަޅުގަނޑު ތައުބާވެއްޖައިން. އަޅުގަނޑުގެ ތައުބާ ގަބޫލުކުރައްވައި، ކުރެވެނު ކުށް މާފުކުރައްވާށި. އާމީން." ޖާބިރު މިއަދު ވިދާޅުވިއެވެ.

ޖާބިރު އިއްޔެ މަޖިލިސް ތަޅުމުގައި ދެއްކެވީ އިސްލާމް ދީނުގެ ހައްދުން ބޭރުވެފައިވާ ފަދަ ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ގިނަބަޔަކު އެކަން ކުށްވެރި ކުރަމުންދެެއެވެ.

ދީނީ މިނިވަންކަން ދިނުން އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު އެގޮތަށް ވިދާޅުވީ ގުރުއާންގެ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ. ޖާބިރު ވިދާޅުވި އާޔަތުގެ މާނައަކީ "ތިޔަ ބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެފާނަށް ތިމަން ކަލޭގެފާނުގެ ދީނެވެ."

ޖާބިރު މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.ޒާހިރު ވިދާޅުވީ، ޖާބިރު މަޖިލީހުގައި ދެއްްކެވީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

މިނިސްޓަރ ޑރ،ޒަހިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ދެއްކޭނެ ވާހަކައާއި ނުދެެއްކޭނެ ވާހަކަ ގާނޫނު އަސާސީގައި ލިޔެފައި ހުންނާނެ ކަމަށެވެ. ދީނުގައި ފުށުއަރާ ގޮތަކަށް އެެއްވެސް ތަނެެއްގައި ވާހަކައެއްް ނުދެއްކޭނެ ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

"މުސްލިމަކަށް ވެއްޖެއްޔާ އެނގެން ޖެހޭ އެ މީހަކު ދައްކާ ވާހަކަ އާއި ނުދައްކާ ވާހަކައަކާއި، އޭނާއަށް ދެެއްކޭނީ ކޮން ވާހަކައެއް ކަމާއި ނުދެއްކޭނީ ކޮން ވާހަކައެއް ކަމާއި، ކޮންމެ މީހަކުވެސް ހުންނަން ވާނީ ހައްދެއްގެ ތެރޭގައި" މިނިސްޓަރު ވިދާޅުވިއެވެ.

މަޖިލީހުގައި ނުދެއްކޭނެ ވާހަކަތަކެއްކަން މަޖިލީހުގެ ސަމާލުކަމަށް ގެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖާބިރު ދެއްކި ވާހަކަ މަޖިލީހުން ބަލަމުން ގެންދާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޮވިޑް

    ޖާބިރު މާފަށްވެސް އެދި ތައުބާ ވީކަމަށް ވެސް ބުނެފިތާ. ކޮބާ މާތް ރަސޫލާ އަށް ފުރައްސާރަ ކުރި އެމްޑީއެން ރިޕޯޓް ނެރުނުމީހުން ؟ ކީއްވެ އިސްލާމިކު މިނިސްޓަރ އަށް ނުބުނެވުނީ އެމީހުން އެވަނީ ހައްދުން ބޭރުވެފައޭ؟ ބަލަ މިހާރުވެސް އެމީހުން ތިބީ ރައްޔަތުންގެ ފައިސާ އިން މުސާރަ ނަގައިގެން ސަރުކާރުގެ މަތީ މަޤާމުތަކުގަޔޭ.

    80
  2. ހުސެންދީ

    ހިތަށް އެރިއެއްޗެއްކިޔާފަ ތައުބާ ވެއްޖެއީމޭ ބުނެ ރެކެވިގެންނުވާނެ. ސައުބާ ވުމަކީ ރަނގަޅުސިފައެއް. އެއާއެކު އިސްތިއުފާ ވެސް ދޭންޖެހޭ. ކާށިދޫ ދާއިރާގެ ރައްޔިތުންނޭ އާދޭސް ކޮށްފައި ބުނަން ވޯޓް ވިއްކައި ނުލާ، ހެޔޮނުވާނެ، މީނާދައްކާ ވާހަކައިން ކަލޭމެންވެސް ފާފަ ވެރި ވާނެ

    45
    7
  3. ރަދީފް

    މާފަށް އެދި ތައުބާވުން އެއީ ރީތި ސިފައެއް.

    31
  4. އަޚް

    ކީއްކުރާނިދޯ.... ކިހާދެރަދޯ މަޖިލީސް ތަޅުމުން ޖާބިރުގެ ވާހަކަ ހުއްޓުވާލަން ދޫ ތަޅުވާލެވުނު ބޭފުޅަކު އެވަގުތު ނެތުމުން ޤައުމުގެ ހާލަތު ހުރި ހިސާބް ވަޒަންކޮށްލާ..... މަޤާމް ލިބުމާއިއެކު މަޤާމްގެ ހުވާކުރާހިނދު އެކިޔޭ އެއްޗެއް އަލުން ހިތުދަސްކުރުމަށްޓަކައި ލާޒިމްކުރުވާ ބިލެއް ތިޔަމަޖްލީސްއިން ފާސްކުރަން ފެނޭ

    26
  5. ރަން ރީނދޫ

    މިއީ ލާދީނީ މީހުން ބޭނުން ކުރާ ޓެކްނިކެއް. މިއީ އާކަމެއް ނޫން.

    26
    3
  6. އަލް އަޚު މުޙައްމަދު

    ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެބަ ބޭނުންވޭ ކައުންސިލު ދިނުމާއި ދީނީ ނަޞޭޙަތް 1 ހަފުތާވަންދެން ކިޔާ ދޭން

    27
  7. މިރުސ

    ވަގުތުން ވަގުތައް ހައްޔްރު ކުރަންވި

    24
    3
  8. ޙަސަނުލް

    ހައްޔަރުކުރޭ ކުރި ކުށަށް އަދަބު ދޭން ޖެހޭނެ

    28
    3
  9. ކިޔު

    ތައުބާވެ މާފަށް އެދުމީ ރީތި ސިފައެއް. އެކަމަކު ދެންވެސް ތިމާއަށް ޢިލްމު ލިބިފަނުވާ ކަންކަމުގެ ވާހަކަ ދެއްކުމަށްވުރެ އެއްޗެއް ނުބުނެ ހަނު ހުރިއްޔާ މާރަނގަޅުވާނެ.

    33
  10. ސަމާ

    މިކަލޭގެ މަޖިލިހަށްދާ ކޮށްމެދުވަހަކަު ހަމަައިގެ ހުރިތޯ ބަލަން ޓެސްޓްކުރަން އެބަޖެހޭ.

    18
    2
  11. އަބްދޫ

    ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގަ އިސްލާމްދީނަށް ފުރައްސާރަ ކުރާމީހާގެ ތައުބާ ކަނޑައަލަންޖެހޭނީ ސަރުއީ މަރުހަލާ އިން .އިސްލާމްދީނަށް ގޮންޖަހައިފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލެނެ. ތައުބައަކި އެމިހާއަށް ކުރެވޭ ކުޑަ ކުށްވެސް ބޮޑެތި ކުށުންވެސް އެބުރި އިސްލާމްދިނަށް ރުޖޫއުވުން. އިސްލާމްދިނުން ބޭރުވެއްޖެނަމަ ގާނޫނުއަސާސީ މާނަކުރެވޭގޮތުން ދިވެހިރައްޔިތުކަންގެއްލެގެ. އެފަދަ ހާލަތގަ މެމްބަރުކަމުގެ ގޮނޑިވެސް ގެއްލޭނެ.

    9
    1
  12. ސައިނާ

    ބޭނުންހާ އެއްޗެއް ކިޔާފައި މާފައްއެދުން އޯކޭ! އަނެއްކާ އަނެއް ދުވަހު މިކަން ރިޕީޓް ކުރަން ވީ ދިވެހިން ގަޅީއޭ ޖާބެ ބުނަނީ

  13. ފައުޒީ

    މީނާ މަސްތުވެގެން ތެޅިބެލޭތަން ފުލުހުންނައް ނުފެންނަނީތޯ.؟ ފުލުހުންވެސް ޖެހޭނެ މިކަމައް ދެން އަންނަ ވެރިކަމެއްގައި ޖަވާބުދާރީވާން.

    13
  14. Anonymous

    ކަލޭ ޙަޤީޤީ ތައުބާވި ކަމަށް ރައްޔިތުން ޤަބޫލުކުރާނީ ،ތައުބާއާއި އެކު އިސްތިއުފާ ދީގެން. އެއީ އޭރުން ލަދުގަންނާނެ މަޖިލިސް ތެރޭގާ އުޅެވުނު ގޮތް.

  15. ލާލާ

    ހިތަށް އެރިހާ އެއްޗެއް އެހެންމީހުންގެ ސިކުނޑިއަށް ވައްދާފަ ތިމަންނަ ތައުބާ ވެއްޖައީމޭ ބުންޏަކަސް ހައްޤް އަދަބު ލިބެންޖެހޭނެ. ތި އެއްޗެހި ތި ގޮވާ ވިހަ ގޮވެލިތަށް ކުޑަކުދީންވެސް އަޑު އަހާނެ.

  16. ބަރުގޮނު

    ޤާނޫނު ހަދައި ނަގަހައްޓާން ތިބި މަޖްލިސް މެމްބަރުން ޤާނޫނަކީ ކުޅޭކުޅޭ އެއްޗަކަށް ހެދީމާ ކަމަކުނުދޭ. އެމީހުންގެ މައްޗަށްވެސް ޤާނޫނު ހިގަން ޖެހޭނެ. މިމަސްއަލަ ބަރާބަރަށް ނުބެލެއްޖިއްޔާ ޤާނޫނު ހެދުމުގެ ބޭނުމެއްނެތް. ކުށެއް ކުރެވޭ ކޮންމެ މީހަކު ތިމަންނަ މަޢާފަށް އެދެފީމޭ ބުނީމާ އެނިމުނީ.

  17. ބޮކި އަލީ

    ޖާބިރުގެ އަޑުގަދަވެފައި، އަޑު ރީތިވެފައި، ބުނެލަން ކެރުނީ، އަދި އެކަމާމެދު ވިސްނައި ފަހުން ދެރަވެ، ތައުބާވެ، މައާފްއަށްވެސް އެދިއްޖެ. އަކަމަކު އެމްޑީއެން ރިޕޯރޓް އަދި އެކަމުގައި ބައިވެރިވި މީހުންނަށް ހައްޤު އަދަބު ނުލިބި، އެމައްސަލަ ނުބެލި ޖާބިރުގެ މައްސަލަ ބެލިގެން ނުވާނެ، މިއީ އިންސާފެއް ނޫން. އެމީހުން ހިފާ ހައްޔަރު ކުރޭ!!!