ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ މައި ތަނބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ގުޅުވާލެވޭ ދެތަނބުގެ މިހާރު ކުރިއަށްދާ 10 މީޓަރުގެ މަސައްކަތް މާޗް މަސް ނިމުގެ ކުރިން ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ އިތުރު ފޮޓޯތަކެއް އާންމު ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތް ކުރިއަށް ދާއިރު، މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތަކުގެ 480 މީޓަރު ކޮންސްޓްރަކްޝަން މަސައްކަތް މާލެ ކައިރިން ނިމިފައި ވާއިރު މާލޭ ކޮޅުން ބުރިޖަށް އަރާ މަގު ނުވަތަ ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރުގެ ކޮންކްރީޓް މަސައްކަތް ވެސް ވަނީ ނިމިފައެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ.

ބުރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

ޝެޑިއުލަށް ވުރެން މާ އަވަހަށް ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެއްބަސްވުމުގައި އޮތް ގޮތުން ބުރިޖްގެ މަސައްކަތް ނިންމަން ޖެހެނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ގޮތައް ބަލާއިރު ސަރުކާރުން އުއްމީދު ކުރަނީ ބުރިޖްގެ މަސައްކަތް މިއަހަރުގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 އަށް ނިންމާލެވޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    އަޅުގަނޑުމެން ތިޔަ ބްރިޖަށް ކިޔާނީ ޔާމީން ޗައިނާ ފްރެންޑްޝިޕް ބްރިޖެވެ.

    • ތޮއްތޮ

      ކީއްވެ މުއިއްޒު ނުކީ..
      އެބުނާ ތަނެއްގެތަނެއްގެ ފޮޓޯއެއް ވެސް އެހެން މީހަކަަށް ނެގެން ނޯވޭ.

  2. އ.ޖ.އ

    ފުރަތަމައޭތޯ..
    މިއޮށް ހުރިހާ ދުވަހުން ވީ ވަރަކީ އެއީ..
    ރަނގަޅު އިންތިހާބަށް ނިމުނަސް.. އެބުނާ ވިންޓާ ކޯނަރ އެއްވެސް ދިޔަތަނެއް ނޭނގުން ވިއްޔަ.