ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހްގީގަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައި މިއަދު އިއުލާނެއް ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް އޭނާ ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށެވެ.

ތަހްގީގަށް ހާޒިރުވާން އަންގާފައި ވަނީ ނ. ހޮޅުދޫ، މިންވަރު، ޢަބްދުﷲ ރަޖީޙު (27އ) އަށެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައި ވީނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ހާޒިރުވާން ޖެހޭނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އޮކްޓޯބަރ 20 ވަނަ ދުވަހުގެ 13:00 އަށް ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ ހުޅުމާލެ އިންވެސްޓިގޭޝަަން ޑިޕާޓްމަންޓްގެ ނަންބަރަކީ 9980062 އެވެ.

ޗިޓް ރައްދު ނުކުރެވޭ މީހުން ފުލުހަށް ހާޒިރުވާން އަންގައި ފުލުހުން މީގެ ކުރިން ވެސް އިއުލާން ކޮށްފައި ވެއެވެ.