އޮޑިޓަ ޖެނެރަލްގެ އޮފީސް ހިންގަން އާ އިމާރާތެއް އެޅުމަށް ބޭނުންވާނެ ފައިސާ އާއި އެ އޮފީސް ހިންގުމުގެ އިދާރީ ޚަރަދުތައް ހިމެނޭ ގޮތަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވަނީ އިދާރީ ޚަރަދުތަކަށް 65.3 މިލިއަން ރުފިޔާ އަދި އާ އިމާރާތަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.

ނަމަވެސް މިއަދު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ އިދާރީ ޚަރަދުތަކުގެ ބަޖެޓް 60.3 މިލިއަން ރުފިޔާއަށް ކުޑަކޮށް، ޖުމުލަ 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް އެ އޮފީހަށް ކަނޑައެޅުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓަ ޖެނެރަލްގެ އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅަން އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރެއްވުމުން، އެ ގޮތަށް ކޮމިޓީން ފާސްވެފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވިއެވެ.

މިއީ މާލިއްޔަތު ކޮމިޓީން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓެވެ. މިދިޔަ އަހަރު މި އަހަރަށް ލަފާކޮށް ފާސްކުރީ 80 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ދެން އެންމެ ބޮޑު ބަޖެޓެއް އެ އޮފީހަށް ފާސްކުރި ފަހަރެވެ. އަހަރަކުން އަހަރެއް އެ އޮފީހަށް ދެވޭ ބަޖެޓް ދަނީ ބޮޑުވަމުންނެވެ.