އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެންދިއުމަށް ފުރުވާލައިފިއެވެ.

އެނގިފައިވާ ގޮތުގައި މަހުމޫދުގެ ހަށިގަނޑު މާލެ ގެންދިއުމަށް ފުރުވާލާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. މާލެ ފޮނުވާލީ ފުލުހުން ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށެވެ. ޓެސްޓުތައް ހެދުމަށް ފަހު ހަށިގަނޑު ރަށަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ރަށުގެ ގިނަ ބަޔަކު ދަންނަ މަހްމޫދު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ ބައްދަލު ކުރި މެޗު ބަލަން ގޭގައި އިނުމަށް ފަހު ބޭރަށް ނުކުތް ފަހުންނެވެ. ރަށުގެ ރައްޔިތުން ނުކުމެ އިއްޔެ ހެނދުނު އޭނާ ހޯދަނިކޮށް އޭނާ ފެނުނީ ފަޅު ގޯއްޗެއްގެ ވަޅުގަނޑަކަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ.

މަހްމޫދު މަރާލާފައި އޮތްތާ ގިނަ ގަޑިއިރުތަކެއް ވެފައިވާތީ އާއިލާ އިން ބޭނުންވީ ވީހާވެސް އަވަހަށް މަހްމޫދު ވަޅުލާށެވެ. އެކަމަކު، ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކަށުކަމާކެމީގެ ކަންކަން މަޑު ޖައްސާލަން އާއިލާގެ ކިބައިން އެދިފައެވެ.

ހަށިގަނޑު ގިނަ އިރުތަކެއް ވަންދެން ބާއްވަން ޖެހުމުން އާއިލާއިން ނުރުހުން ވެސް ފާޅު ކުރިއެވެ.

މަހުމޫދު މަރާލި ކަމުގެ ތުހުމަތު އާންމުން ކުރަނީ އއ. ތޮއްޑޫން ދަނގެއްޗަށް ބަދަލުވި ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އާންމުން ހަމަލާދިނުމުން ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތް ދީފައެވެ. އަދި ފަހުން އަންހެނަކަށް ވެސް ހިމާޔަތް ދީފައިވެއެވެ. މި އަންހެން މީހާއަކީ ކުރިން ހިމާޔަތް ދިން ދެ މީހުންނާ ގުޅުން ހުރި މީހެކެވެ.

މަހްމޫދު މަރާލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުﷲ

    ތިޔަފަދަ މީހުންގެ ވަނަވަރު ހާމަ ނުކުރަނީ ކީއްވެތޯ. ޢިއްޒަތްތެރި މީހަކަށް ހަމަލާއެއްދީފިނަމަ ނުވަތަ އެ ހަމަލާގައި ބައިވެރިވީ ތުނބުޅިލާފަ އިޒާރު މަތީގައިވާ ބަޔަކު ނަމަ އެބައެއްގެ ނަމާއި އާއިލާއާއި ސިފައާއި ހަމުގެ ކުލަވެސް މީޑިއާތަކުން ހާމަކުރޭ ؟