އދ. ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލޮމް މިއާ (ސާލިމް) މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެކޯޓުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތޫނު އެއްޗިއްސާއި ދަނޑިބުރި ބޭނުންކޮށްގެން މަހްމޫދު މަރާލުމަށް ފަހު ވަނީ އެރަށު ފަޅު ގެޔެއްގައި ހުރި ވަޅެއްގެ ތެރެއަށް އޭނާ ވައްޓާލާފައެވެ. ސާލިމް އެކަން ކޮށްފައިވަނީ ފައިސާގެ ދަހިވެތިކަމުގައެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ސާލިމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ، ޝަރީއަތުން ވަނީ އޭނާ މެރުމަށް ހުކުމްކޮށްފައެވެ.

މެރުމަށް ހުކުމްކޮށްފައިވަނީ މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުމަށް އެދުމުންނެވެ. މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަކީ ބިދޭސީއަކު މެރުމަށް ރާއްޖޭގައި ކުރި ފުރަތަމަ ހުކުމެވެ.

މަހްމޫދުގެ ގާތިލް، ސާލިމް މަރަން ހުކުމް ކޮށްފި

ގާނޫނުލް އުގޫބާތު އޮންނަ ގޮތުން، މަރަން ހުކުމް ކޮށްފައިވާ މީހާގެ ފަރާތުން އިސްތިއުނާފަށް ހުށަނާޅައިފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅަން ޖެހެއެވެ. އެހެންވެ، ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ.

އެކަމަކު، އެ މައްސަލަ ދައުލަތުން ހުށަހަޅާފައިވަނީ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ، ހައިކޯޓުން ނިންމާފައިވަނީ މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލާށެވެ. މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެއެވެ.

މަހްމޫދުގެ މޫނު ބެލުމަށާއި ކަށު ނަމާދަށް ވެސް ސާލިމް ދިޔަ!

މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމުނީމައެވެ.

މަހުމޫދު މަރާލާފައިވަނީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން އޭނާގެ މެޔާއި ކަރަށް ހަމަލާދީގެންނެވެ. އެއަށް ފަހުގައި ވަނީ އޭނާގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ވަޅަކަށް ބޯކޮޅުވަތަށް ވައްޓާލާފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު މަހުމޫދުގެ އާއިލާ އިން އޭނާ ގެއްލިގެން އެންގުމުން އެ ރަށު މީހުން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

ސާލިމަކީ އެރަށު އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައިހުރި މީހެކެވެ.