ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން ވަޒީފާއިން ވަކިކުރެވުނު މީހަކަށް، ގެއްލުނު ވަޒީފާގެ ބަދަލުގައި 1 ރުފިޔާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ވަޒީފާ އަދާކުރި އައްޑޫ ފޭދޫ ވާރުގޭ މުހައްމަދު އައިމަން 23 މާރޗް 2021 ވަނަދުވަހު ވަޒީފާއިން ވަކިކުރެވުނީ ހިޔާނާތުގެ މައްސަލައެއްގައެވެ. 2020 ވަނަ އަހަރު ހިންގި ޚިޔާނާތުގެ މައްސަލައިގައި ވަކިކުރެވުނުއިރު އައިމަން ހުރީ އެމްޕީއެލްގެ ޗީފް މެނޭޖަރަކަށެވެ.

އޭނާ ވަޒީފާއިން ވަކިކުރީ ޤަވައިދާ ޚިލާފަށް ކަމަށްބުނެ އައިމަން ވަނީ މިމައްސަލަ ވަޒީފާއާއި ބެހޭ ޓްރިބިއުނަލްއަށް ހުށަހަޅާފައެވެ.

އެމައްސަލައިގައި އައިމަން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށްވާތީ ވަޒީފާއިން ވަކިނުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ވަޒީފާ ޢިއާދަކޮށްދިނުމާއެކު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް އައިމަން ވަނީ އެދިފައެވެ.

ޓްރިބިއުނަލްއިން މިމައްސަލައިގައި ނިންމީ އޭނާގެ ވަޒީފާ އިއާދަކުރުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިމުމާ ހަމައަށް، އޭނާއަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ.

ނަމަވެސް އެމްޕީއެލް އިން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިމައްސަލައިގައި ހައިކޯޓުން ނިންމީ އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގައި އައިމަން ބައިވެރިވުމާއި އިހުމާލު އޮތް ކަމަށާއި މެނޭޖަރެއްގެ މަޤާމުގައި ހުރެގެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ފަރުވާކުޑަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޓްރައިބިއުނަލް އިން ނިންމި ގޮތަށް ވަޒީފާ އަލުން އިއާދަކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފައެވެ.

އެމްޕީއެލްގެ 8.7 މިލިޔަން ރުފިޔާގެ ތެލުގެ ހިޔާނާތާ ގުޅިގެން ވަޒީފާއިން ވަކިކުރި އައިމަންއަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުމުގެ ބަދަލުދޭން ވަޒީފާއާބެ ހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލުކޮށް ނޮމިނަލް ބަދަލެއްގެގޮތުގައި އޭނާއަށް 1ރ. ދޭން ހައި ކޯޓުން ޙުކުމްކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އޯ . މީ އިންސާފް. މި އިންސާފަށް ކިޔާނީ ކޮން ނަމެއް.

  2. ބޯހަލާކު

    ޢަތުޖެހުނު ތަަނަކުން ވީދައިގެން ކަނީ، 1ރ ކުންފުންޏަށް ދޭން ހުކުން ކުރިނަމަ.😅

  3. ޝުކުރިޔާ

    މިސަރުކާރުގަ މީހަކައް މުސާރަދެވޭނެ ވަރުވެސް މިހާރު ނެތްކަން މިއިންމި އެނގުނީ