ވ.އާރަށް ވަކި ބަޔަކަށް ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ ސިޓީގެ ރައީސް އޮފީހަށް ވަދެފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުުމެއް މިއަދު ވަނީ ބާއްވާފައެވެ.

މިއަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޓޫރިޒަމް ޤާނޫނުގައި އޮންނަ ގޮތުން ރަށެއް ނުވަތަ ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ބަދަލުކުރަންޏާ ރައިސް އޮފީހަށް ސިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ސިޓީ ރައީސް އޮފީހަށް ލިބިފައިނުވާ ކަމަށާއި މިމައްސަލައިގައި ދައުލަތުން ހުށަހެޅި ލިޔުންތަކުތެރޭގައިވެސް އެ ސިޓީ ނެތް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

"ޓޫރިޒަމް ޤާނޫނުގައި އޮންނަ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ފަޅެއް ވިޔަސް އަދި ރަށެއްވިޔަސް ބަދަލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ޓޫރިޒަމް މިނިސްޓްރީއިން ސިޓީއެއް ވަދެގެން. އެސީޓި ވަދެފައެއް ނެތް. ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އޮފީހަށް އާރަށް ބަދަލުކުރުމަށް ސިޓީއެއް ނެތް. އެލިޔުންތައް އަޅުގަނޑުމެން ދީފައިވާ ލިޔުންތަކުތެރޭ ނެތް. އަދި އެގްރިކަލްޗަރ މިނިސްޓްރީން އާރަށް ބަދަލުކުރުމަށް އިއުތިރާޒްވި ކަމުގެ ލިޔުމެއްވެސް ނެތް.". ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ބުނެގެން ކަމަށް ނިންމާފައި ޓޫރިޒަމް މިނިސްޓްރީއަށް ސިޓީ ދަނީ ކީއްވެގެންތޯ ޔާމީން ވަނީ ސުވާލު އުފައްދާފައެވެ. އަދި އެފަދަ ލިޔުމެއް އެމަނިކުފާނަށް އޭރު ލިބިވަޑައިނުގަންނަވާ ކަމަށާއި ރައީސްގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީއަށް ސީޓީ ދާންޖެހޭ ސަބަބެއް ނެތް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން އިތުރަށް ވިދާޅުވީ ފުއްގިރި މައްސަލައިގެ ތަހުގީގުގައި ފުލުހުން އެމަނިކުފާނަށް ފުރައްސާރަ ކުރި ކަމަށާއި ފަސް ހަފަހަރު މަތިން އެއް ބަޔާނެއް ތަފާތުކޮށްގެން ގެނައި ކަމަށެވެ.

"ފުއްގިރީގެ މައްސަލައިގައި ފަސް ހަ ފަހަރު އެއް ބަޔާނެއް ތަފާތުކޮށްފަ ގެނައިމަ އަޅުގަނޑު ފުލުހުންނަށް ދަންނަވަމުން ގެންދިޔައީ ތިކުރައްވަނީ ހެރެސްއޭ. ހުރިހާ ފުލުހުންގެ ލޮގުގައި މިވާހަކަތައް ހުންނާނެ. ދެންއިތުރަށް ކުރައްވާ ސުވާލެއް އާރަށާއި ބެހޭގޮތުންވެސް އަޅުގަނޑު ދެންނެވިން ތިކުރައްވާ ސުޗާލުގެ ޖަވާބު އަޅުގަނޑު ދެއްވާނީ ޝަރީއަތުގެ މަޖިލީހުގައޭ. ފުލުހުންގެ ލޮގްތަކުގައި ހުންނާނެ.". ޔާމީން ވިދާޅުވިއެވެ.

އެދުވަސްވަރަކީ ޔާމީންގެ ހުރިހާ ވަކީލުން އިސްތިއުފާ ދިން ދުވަސްވަރު ކަމަށާއި އެހެން ވަކީލުން ނެގުމުންވެސް ފުލުހުން އެކަމަށްވެސް ހުރަސްއެޅި ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހުރިހާ ވަކީލުން އިސްތިއުފާދިނީ، ދެން އަޅުގަނޑު ޖެހުނީ އެހެން ފެންވަރުގެ ވަކީލުން ނަގަން. ފުލުހުން އެއްގޮތަކަށްވެސް މަގެއް ނުދެއްކި.". ޔާމީން ވިދާޅުވިއެވެ.

ފުލުހުންގެ ފުރައްސާރައިގެ ސަބަބުން ޔާމީންގެ ލީގަލް ޓީމް އެއްކޮށް އިސްތިއުފާ ދިނީ ކަމަށް ޔާމީން ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިސަރުކާރާއި ފުލުހުން ރ.ޔާމީނަށް ތިކުރިމަތިކުރާ ހުރަސްތަކާއި ފުރައްސާރައަކީ އެމީހުންނަކީ ނުބައި ޖަޒާ ލިބެންޖެހޭ ބަޔަކަށްވާތީ އެބައެއްގެ ބޮލަށް ޝައިތާނާ ސަވާރުވެގެން ހިންގާ ޖަރީމާތަކެވެ. އެފަދަ ޖައްބާރުންނަށް ރ.ޔާމީނަށް މިހާރު އެދެމުންދާ އަނިޔާތަކަށްވުރެ ނުބައި އަނިޔާތައް ޖައްސަވާށި، އާމީން. ޢަދި ﷲގެ ރަޙުމަތްފުޅުން ރ.ޔާމީނަށް ކާމިޔާބާއި ނަސްރު ދެއްވާށި އާމީން.

    28
    5
  2. އައްނި

    އަދީބަކީ އެތަކެއް ގޮތްގޮތައްރާވައިގެން ޔާމީން މަރާލަން މަސައްކަތްކުރި ކުރާ ކޮއްފަ ހުރިމީހެއް ދެންމީނާބުނާގޮތއް މީނާގެ ހެކިބަސް ގަބީލުހަމަ ކޮއްގެން އިންސާފުވާނެތޯ

    21
    1