ފިންގަރޕްރިންޓް ފޯޖްކުރި ފުލުހަކު ވަޒީފާއިން ވަކިކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

2016 ވަނަ އަހަރު ގއ.ވިލިނގިލީ އެރޯމާ އަބްދުﷲ މަޖީދު 'ސައިމާ' ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސީނަށް ދިޔަ ފުލުސް އޮފިސަރު ތަހުގީގަށް ދިން ބަޔާނަށް އިންކާރު ކުރުމާ ގުޅިގެން އެ އޮފިސަރުގެ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ތަނުގައި އެ މައްސަލަ ބެލި އައިއޯ ޕޮލިސް ކޯޕްރަލް އަހްމަދު އިބްރާހީމްގެ ވައަތު އިނގިލީގެ ނިޝާން ޖަހާފައިވާ މައްސަލައިގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެހެން ފުލުހެއްގެ ސޮއި ފޯޖުކުރި އައިއޯ ޕޮލިސް ކޯޕްރަލް އަހްމަދު އިބްރާހީމްގެ މައްސަލަ ބެލުމަށްފަހު ޕޮލިސް ބޯޑުން ނިންމީ މި އަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަހްމަދު އިބްރާހީމް ހިންގާފައިވާ އަމަލެއް ކަމަށެވެ.

އެހެންކަމުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާ، އެ ނިންމުމަށް ސިވިލް ކޯޓުން ތާއީދު ކުރުމުން އަހްމަދު އިބްރާހީމްގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ.

ހައިކޯޓުގައި އަހުމަދު އިބްރާހިމް އެދުނީ އޭނާ ވަޒީފާއިން ވަކިކުރެވުނީ ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާ އަލުން ރުޖޫއަ ކޮށްދިނުމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ސާޖެންޓް ރޭންކުގެ ޕްރޮމޯޝަނެއް ހައްގުވެފައި ވަނިކޮށް ކަަމަށާއި އެހެންކަމުން އޭނާ ވަޒީފައިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރާ ދުވަހާ ހަމައަށް ސާޖެންޓް ރޭންކުގެ މުސާރައާއި އިނާޔަތް ދިނުމުގެ އަމުރަކަށް ވެސް އޭނާ އެދުނެވެ.

މި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ އަހްމަދު އިބްރާހީމްގެ ކިބައިން ފެނިފައިވާ އަމަލަކީ ފުލުހުންގެ މަސައްކަތާމެދު ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ގެއްލިދާނެ އަމަލެއް ކަމަށް ބުނެފައެވެ. އަދި މި އަމަލީ ނުޙައްގުން މީހަކަށް އަދަބެއް ލިބިދާނެ އަމަލަކަށް ވާތީ، މިއީ ޒިންމާދާރު މަގާމެއްގައި ހުރި ފަރާތުން އަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށް ބުންޏެވެ.

މި މައްސަލަ ބެލުމަށްފަހު މިއަދު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް އޭނާގެ ވަޒީފާ އަބުރާ ދޭން ނުޖެހޭނެ ކަމަށް ނިންމާފައެވެ.