އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް އައިޖީއެމްއެޗްގައި ޓެސްޓްތަކެއް ހެދުމަށް ފަހު އަނބުރާ ދަނގެއްޗަށް ގެންދިއުމަށް ފުރުވާލައިފިއެވެ.

މަހްމޫދުގެ ހަށިގަނޑު މާލެ ގެނައީ ފުލުހުން ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށެވެ. ޓެސްޓުތައް ހެދުމަށް ދެގަޑިއެއްހާއިރު އައިޖީއެމްއެޗްގައި ހަށިގަނޑު ބޭއްވިއެވެ. މީގެ އިރުކޮޅެއް ކުރިން މަހްމޫދުގެ ހަށިގަނޑު ވަނީ ސިފައިންގެ ސީއެމްބިއުލާންސެއްގައި ދަނގެއްޗަށް ގެންދިއުމަށް ފުރުވާލާފައެވެ.

މާލޭގައި ހަދާފައި ވަނީ ހަށިގަނޑުގެ ކޮން ޓެސްޓްތަކެއް ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ބައެއް މީހުން ބުނާ ގޮތުގައި އައިޖީއެމްއެޗްގައި ހަދާފައި ވަނީ މަހްމޫދުގެ ހަށިގަނޑުގެ ސީޓީ ސްކޭނެކެވެ.

ރަށުގެ ގިނަ ބަޔަކު ދަންނަ މަހްމޫދު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ ބައްދަލު ކުރި މެޗު ބަލަން ގޭގައި އިނުމަށް ފަހު ބޭރަށް ނުކުތް ފަހުންނެވެ. ރަށުގެ ރައްޔިތުން ނުކުމެ އިއްޔެ ހެނދުނު އޭނާ ހޯދަނިކޮށް އޭނާ ފެނުނީ ފަޅު ގޯއްޗެއްގެ ވަޅުގަނޑަކަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ.

މަހްމޫދު މަރާލާފައި އޮތްތާ ގިނަ ގަޑިއިރުތަކެއް ވެފައިވާތީ އާއިލާ އިން ބޭނުންވީ ވީހާވެސް އަވަހަށް މަހްމޫދު ވަޅުލާށެވެ. އެކަމަކު، ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކަށުކަމާކެމީގެ ކަންކަން މަޑު ޖައްސާލަން އާއިލާގެ ކިބައިން އެދިފައެވެ.

މަހުމޫދު މަރާލި ކަމުގެ ތުހުމަތު އާންމުން ކުރަނީ އއ. ތޮއްޑޫން ދަނގެއްޗަށް ބަދަލުވި ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އާންމުން ހަމަލާދިނުމުން ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތް ދީފައެވެ. އަދި ފަހުން އަންހެނަކަށް ވެސް ހިމާޔަތް ދީފައިވެއެވެ. މި އަންހެން މީހާއަކީ ކުރިން ހިމާޔަތް ދިން ދެ މީހުންނާ ގުޅުން ހުރި މީހެކެވެ.

މަހްމޫދު މަރާލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނީ

    ކޮބާހޭ ކުށްވެރިން ހިމަޔަށް ކުރަން ހަދާފައޮތް ހިއުމަންރައިޓް ކޮމިސަން ހަމަ އަދިވެސް ނިދާފަ .

    11
  2. ާ😞

    ކިހާދެރަ އަހަރެމެންގެ ދަރިން ބޮޑު ވެގެން އަންނައިރު ރާއްޖެ މިއޮތީ މިހާ ނުރައްކާތެރި ހާލަތެއްގަ އެކުދިންގެ މުސްތަގު ބަލާދޭތެރޭ ވިސްނާފަ ރޮވޭހަމަ

    18
  3. ޝަރަފިއްޔާ

    ޤައުމީ ފުޓްބޯޅަޓީމުގެ މުހިންމުމެޗުގެ ކުޅުން ބަލަން އިނދެ ނިކުންނާނީ / ކޮންމެހެން ނިކުންނަން ޖެހިގެން / ފުލުހުންނަށް ވިސްނޭނެ އެވަރު ،،،
    ހަޤީގަތް ހޯދޭނެ // އިންޝާ ﷲ ،،،،،.