އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު ވަޅުލައިފިއެވެ.
މަހުމޫދުގެ ހަށިގަނޑު ވަޅުލާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހުއެވެ. މަހުމޫދުގެ ހަށިގަނޑު ވަޅުލުމުގެ ކުރިން ވަނީ މޫނު ދެއްކުން ކުރިއަށް ގެންގޮސްފައެވެ.
މަހުމޫދުގެ ހަށިގަނޑު ޓެސްޓްތަކެއް ހެދުމަށް މިއަދު ހެނދުނު މާލެ ގެނެސް އަނބުރާ ދަނގެއްޗަށް ފޮނުވާލާފައިވަނީ މެންދުރުގެ ވަގުތެއްގައެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވީ، މަހްމޫދުގެ ހަށިގަނޑު މާލެ ގެނައީ ފުލުހުން ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށް ކަމަށާއި ޓެސްޓުތައް ހެދުމަށް ދެގަޑިއެއްހާއިރު އައިޖީއެމްއެޗްގައި ހަށިގަނޑު ބޭއްވި ކަމަށެވެ.
މާލޭގައި ހަދާފައި ވަނީ ހަށިގަނޑުގެ ކޮން ޓެސްޓްތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ބައެއް މީހުން ބުނާ ގޮތުގައި އައިޖީއެމްއެޗްގައި ހަދާފައި ވަނީ މަހްމޫދުގެ ހަށިގަނޑުގެ ސީޓީ ސްކޭނެކެވެ.
ރަށުގެ ގިނަ ބަޔަކު ދަންނަ މަހްމޫދު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ ބައްދަލު ކުރި މެޗު ބަލަން ގޭގައި އިނުމަށް ފަހު ބޭރަށް ނުކުތް ފަހުންނެވެ. ރަށުގެ ރައްޔިތުން ނުކުމެ އިއްޔެ ހެނދުނު އޭނާ ހޯދަނިކޮށް އޭނާ ފެނުނީ ފަޅު ގޯއްޗެއްގެ ވަޅުގަނޑަކަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ.
މަހްމޫދު މަރާލާފައި އޮތްތާ ގިނަ ގަޑިއިރުތަކެއް ވެފައިވާތީ އާއިލާ އިން ބޭނުންވީ ވީހާވެސް އަވަހަށް މަހްމޫދު ވަޅުލާށެވެ. އެކަމަކު، ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކަށުކަމާކެމީގެ ކަންކަން މަޑު ޖައްސާލަން އާއިލާގެ ކިބައިން އެދިފައެވެ.
މަހުމޫދު މަރާލި ކަމުގެ ތުހުމަތު އާންމުން ކުރަނީ އއ. ތޮއްޑޫން ދަނގެއްޗަށް ބަދަލުވި ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އާންމުން ހަމަލާދިނުމުން ފުލުހުން ވަނީ އެ ދެމީހުންނަށް ހިމާޔަތް ދީފައެވެ. އަދި ފަހުން އަންހެނަކަށް ވެސް ހިމާޔަތް ދީފައިވެއެވެ. މި އަންހެން މީހާއަކީ ކުރިން ހިމާޔަތް ދިން ދެ މީހުންނާ ގުޅުން ހުރި މީހެކެވެ.
މަހްމޫދު މަރާލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މިކަހަލަ ކިތަށް މަރުބާއެވަނީ // ދަރީންތަކެއް ބައްޕަ ގެއްލި ނިކަމެތިވީ //. ޢިންސާފު ލިބޭނެބާ ؟؟؟؟؟
އިންސާފަކީ މިސަރުކާރުން ދަންނަ އެއްޗެއްނޫން ؟