އދ.ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އިއްޔެ ހައްޔަރު ކުރި ބަންގްލަދޭޝް މީހެއްކަމަށްވާ ސާލިމް ފުލުހުންގެ ބެލުމުގެ ދަށުން އދ.މަހިބަދުއަށް ގެންގޮސްފިއެވެ.

ސާލިމް އިއްޔެ ހައްޔަރުކޮށް ރޭ އޭނާގެ ބަންދަށް ދަނގެތީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މީގެ އިރުކޮޅެއް ކުރިން ފުލުހުންގެ ލޯންޗެއްގައި ސާލިމް މަހިބަދުއަށް ގެންގޮސްފައި ވީނަމަވެސް އޭނާ މަހިބަދުއަށް ގެންދިޔައީ ކީއްވެކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަހިބަދުއަށް ގެންދިޔައީ ދަނގެތީ ޕޮލިސް ސްޓޭޝަންގައި މީހުން ބަންދުކުރަން އެކަށީގެންވާ ގޮޅިއެއް ނެތުމުންނެވެ.

ދަނގެތީގައި ހަރަކާތްތެރިވަމުންދާ "ވަގުތު"ގެ ނޫސްވެރިންނަށް ވަނީ ސާލިމް ފުލުހުންނާ އެކު މިއަދު އެކިތަންތަނަށް ގެންދިޔަ މަންޒަރު ފެނިފައެވެ. އަދި އަތުގެ އިޝާރާތުން އެކިއެކި ވާހަކަތައް ކިޔައި ދިން ތަން ފެނުނެވެ.

ފުލުހުން ބައެއް ތަންތަނަށް ސާލިމް ގެންގޮސް އޭނާ އަމަލު ކުރި ގޮތް ކުޅުވާފައިވެއެވެ. މަހްމޫދުގެ ހަށިގަނޑު ފެނުނު ފެންވަޅު ހުރި ގޯއްޗަށްވެސް ސާލިމް ގެންގޮސް އަމަލު ކުރި ގޮތް ކުޅުވާފައިވާކަމަށް މަންޒަރު ފެނުނު ނޫސްވެރިން ބުންޏެވެ.

ސާލިމް ދިރިއުޅޭ ގޭގެ ފާރުމަތިން އޭނާ އެރިގޮތްވެސް ފުލުހުންނަށް ދައްކާފައިވާ ކަމަށް ނޫސްވެރިން ބުންޏެވެ.

އަދި ނެދުންގެ އާއި ފެންވަޅު ހުރި ގޯއްޗާއި ދެމެދު އޮންނަ ބައެެއް މަގުތަކުގައި ސާލިމް ހިނގުވާފައި ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އެއިރުވެސް އޭނާ ދިޔައީ އަމަލު ކުރި ގޮތް ކިޔާދެމުންނެވެ.

މީގެ ކުރިން ވެސް މަރުގެ ބޮޑެތި މައްސަލަތަކުގައި ޖަރީމާ ހިންގި މީހުން ލައްވާ ފުލުހުން އެމީހުން ކަންތައް ކުރިގޮތް ކުޅުވާފައި ވެއެވެ.

މަހްމޫދުގެ އާއިލާ އިން "ވަގުތު" އަށް މައުލޫމާތު ދެމުން މިއަދު ބުނީ މަހުމޫދުގެ މަރުގެ މައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފުލުހުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    ވެދާނެދޯ މިމައްލައިގާ ފުރަތަމަ ތުހުމަތުކުރި ތޮއްޑޫ 3މީހުންވެސް މިހާރުތިބީ މަހިބަދޫގަ ކަމަށްވާތީ އަދިހަމަ މަޙުމޫދު މަރާލުމުގެ އަޑީގައި ހަމަ އެ 3މީހުންވެސް ބައިވެރިވާކަމަށްވެސް ސާލިމުއާއި އެކުގައި