ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ބާތިލް ކުރުމަށް އަންގަވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޝަރީއަތަށް ނުފޫޒުފޯރުވާ ކަމަށް ޖާބިރު ތުހުމަތުކުރައްވައިފިއެވެ.

ޖާބިރު އެފަދަ ތުހުމަތުތަކެއް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ އާއި ގުޅިގެން ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ހައިކޯޓަށް އަންގަވާފައވާ ކަމަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހައިކޯޓުގައި އިސްތިއުނާފް މަރުހަލާގައި އޮތް މި މައްސަލަ އަކީ މަދަނީ ކޯޓުގައި ގިނަ ދުވަސްތަކަކަށް ނުނިމި އޮތުމަށް ފަހު ހުކުމް އިއްވި މައްސަލައަކަށް ވާއިރު އަދުލު އިންސާފުގެ މަރުހަލާ އަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވުމުން ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ޖާބިރުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

އެފަދަ މެސެޖެއް ހިސާން އަށް ފޮނުއްވިކަން "ވަގުތު" އަށް ކަށަވަރުކޮށްދެއްވާ ޖާބިރު ވިދާޅުވީ އާއްމު ފަރާތްތަކަށް ދައުލަތުގެ ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބި އެތައް ދުވަހެއް ވަންދެން ޝަރީއަތުގައި ގަނަތެޅެން ޖެހުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި އެއީ އަދުލު އިންސާފަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ. އެހެންނަމަވެސް ޖާބިރު ރައީސް އާއި މެދު އެފަދަ ތުހުމަތުތަކެއް ކުރެއްވި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

"މިވަރަށް ލަދުހަޔާތް ކުޑަވެއްޖެ ނަމަ އަޅުގަނޑުމެން ޖާހިލިއްޔަ ޒަމާނަށް ވުރެ ވެސް ގޯސްމިވީ. އަޅުގަނޑު ވާނެ ހިސާން އަށް އެކަން ރިޕޯޓްކޮށްފައި. މިކަންކަން އާއްމުންނަށް ވެސް އެނގެން އެބަޖެހޭ. އެކަން އެހެން ކުރެވިގެން ނުވާނެ." ޖާބިރު ވިދާޅުވިއެވެ.

ހއ.އަތޮޅުގައި އޮންނަ އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014 ގައި އިންޝުއާކޮށްފައި ވަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވީނަމަވެސް އެ ރިސޯޓްގެ، އިންޝުއަރެންސް ފައިސާ ދިނުމަށް އެލައިޑުން ދެކޮޅު ހެދުމުން އެ ކުންފުންޏާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް އެންމެ ފުރަތަމަ އެ ކޯޓުން ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން، ސިވިލް ކޯޓަށް އެ މައްސަލަ ބަލަން އެންގިއެވެ. އަދި ހައިކޯޓުގެ އެ ހުކުމް އެލައިޑްގެ ފަރާތުން ޝަރުއީ މަރުހަލާގެ އެންމެ ފަހު ބަސް ބުނާ ސުޕްރިމް ކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް ސިވިލް ކޯޓުން އެ މައްސަލަ ބެލެން ޖެހޭނެ ކަމަށް ވަނީ ނިންމާފައެވެ.

މި މައްސަލަ ސިވިލް ކޯޓުގައި 5 ވަރަކަށް އަހަރު ދިގު ދެމިގެން ދިޔައެވެ. އެ ކޯޓުން އެ މައްސަލައިގައި ނިންމީ އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784.59 ޑޮލަރަކީ އެލައިޑްގެ ފަރާތުން ޔޮޓް ޓުއާސް އަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރަން އެލައިޑުން ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

.ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށާއި އެ ހުކުމް ބާތިލް ނުކުރެވޭނެ ކަމަށް އެ ކުންފުނީގެ ގާނޫނީ ވަކީލުން ވަނީ މި މައްސަލައިގައި ވަކާލާތުކުރައްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އަޑުއެހުމެއް ބާއްވަނީ ލިޔެކިއުންތައް ދިރާސާކުރާއިރު ފާހަގަކުރަން ޖެހޭ ކަމެއް އޮތް ނަމަ އެ އަޑުއެހުމެއް ކަމަށެވެ. އަދި ހާޒިރުކޮށްގެން ފާހަގަކުރަން ޖެހޭ ކަމެއް ފަނޑިޔާރުންގެ ބެންޗަށް ފާހަގަނުވެއްޖެނަމަ ދެން މައްސަލައިގެ ހުކުމް އިއްވަން އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް އެ ބެންޗުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައްޔޫބް

  ސޯލިހް ކޮއްފާނެ.

  1
  1
 2. ލލ

  ޖުޑިޝަރީގެ ހުރިހާ ބާރެއް މިއަދު ވަނީ ޖޭއެސްސީގެ ކޮންޓުރޯލްގެ ދަށުގައި ބާރުގަދަ ފަރާއްތަކުން އަންގާ އެންގުންތަކާއި ހިލާފަށް އެއްވެސް ނިންމުމެއް ނިންމާ ހުކުމެއް ކޮށްފިއްޔާ އެމީހަކު ދުއްވާލާނެ !

 3. ސަހަރޯ

  ތިކަހަލަހުރިހާތަނަކައް އެސޮރުމެންވަމްމާނެ