ކަރަންޓު ބިލަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރާފައި އޮތް ނ. މާފަރު ކައުންސިލަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފިއެވެ.

މާފަރު ކައުންސިލުން ކަރަންޓު ބިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ދިގުލައިގެން މިހާރު ދައްކަން ޖެހޭ ވަރު ވަނީ 1.2 މިލިއަން ރުފިޔާއަށް އަރާފައެވެ.

އެހާ ބޮޑު އަދަދެއް ނުދައްކާ އޮތުމުން މިދިޔަ ބުރާސްފަތި ދުވަހު، އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން ވަނީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ތަނަކުން ކަރަންޓު ކަނޑާލާފައެވެ. އޭގެ ސަބަބުން ކައުންސިލްގެ މަސައްކަތަކަށްވެސް ހުރަސް އެޅުނެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން "ވަގުތު"އަށް މިއަދު ވިދާޅުވީ، ކައުންސިލަށް ކަރަންޓު ފޯރުކޮށްދީފައިވަނީ ރޭގައި ކަމަށެވެ.

އަދުނާން ފެނަކައަށް ދެއްވި ޔަގީންކަމަކީ މި އަހަރު ތެރޭގައި ބިލަށްވާ ފައިސާ މި އަހަރު ތެރޭގައި ދައްކާނެ ކަމެވެ. ނަމަވެސް ސީދާ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.

މިހާ ބޮޑު އަދަދެއްގެ ބިލެއް ލިބުނީ ކީއްވެގެންތޯ ސުވާލުކުރުމުން އަދުނާން ވިދާޅުވީ އެހެން ދިމާވީ ނިމިގެން ދިޔަ ކައުންސިލުން ބަރާބަރަށް ބިލު ނުދައްކާ އޮތުމުން ކަމަށެވެ. މިހާރު ހިނގަމުންދާ ދައުރުގެ ބައެއް ބިލްތައްވެސް އަދި އޮތީ ނުދައްކައެވެ.

ކައުންސިލުން ބުނީ، ބިލްތަކަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް އަދި އެލްޖީއޭގައި ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

އަދި ބިލްތަކަށް ފައިސާ ނުދެއްކިފައި ވަނީ ކޮވިޑްގެ ހާލަތުގެ ސަބަބުން ކައުންސިލްގެ ބަޖެޓްގެ ބައެއް ސަރުކާރުން ހިފަހައްޓައިފައި ހުރުމުން ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ ކުރިން ފެނަކަ ގއ.ވިލިގިނލި ބްރާންޗުންނާއި، ގދ. ތިނަދޫ ބްރާންޗުން ވަނީ ބިލްތަކަށް ފައިސާ ނުދައްކާތީ އެ ދެ ރަށުގެ ކައުންސިލް އިދާރާގެ ކަރަންޓް ކަނޑައިލާފައެވެ.

ކަރަންޓު ބިލަށް ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވާ 17 ރަށު ކައުންސިލަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ފެނަކައިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިއޮތީ ކައުންސިލްތަކަށް އާރާ ބާރާ ފަންވަރާ ހިއްވަރާ އަތްގުޅިނުކާވަރުގެ ބޮޑު ބޮޑު ބަޖެޓެއް ސޯލިބޭގެ އިބުރާހިމް ދީފައި ދެންކީއްވެ ބިލްތަށް ނުދައްކަނީ ...