ގއ. ވިލިނގިލީގައި ރައްޓެހިންތަކަކާއެކު ކަސްރަތަށް ގޮސް އުޅެނިކޮށް ހޭނެތުނު އަންހެނަކަށް ފަރުވާ ދިނުމުގައި އަތޮޅު ހޮސްޕިޓަލުން ފަރުވާ ކުޑަ ކުރުމުގެ ސަބަބުން އެމީހާ ދިރިހުރުމުގެ އުންމީދު ގެއްލި މަރާ ހަނގުރާމަ ކުރަން ޖެހިފައިވާ ކަމަށް އާއިލާ އިން މިއަދު ބުނެފިއެވެ.

އުމުރުުން 57 އަހަރުގެ ދިވެހި އަންހެނަކު ހޭނެތުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:30 ހާއިރުއެވެ.

އަންހެން މީހާގެ އާއިލާގެ މެމްބަރަކު "ވަގުތު" އަށް ބުނީ ރައްޓެހިންނާ އެކު، އައުޓްޑޯ ޖިމުގައި އުޅެނިކޮށް އެމީހާ ކުއްލިއަކަށް ބޯ އަނބުރަން ފެށި ކަމަށެވެ. އަދި އެތަނުގައި އިށީނދެގެން އިންދައި ވެއްޓުނީ ކަމަށް ވެސް އޭނާ ބުންޏެވެ.

"އައުޓްޑޯ ޖިމަށް ކަސްރަތުކުރަން ގޮސް ހުއްޓާ ކުއްލިއަކަށް ބޯ އަނބުރަން ފެށީ. ދެން އެތަނުގައި ހުރި ބެންޗެއްގައި އިށީނދެގެން ހުއްޓާ ވެއްޓުނީ. ކައިރީގައި ތިބި މީހުން ވަގުތުން އެމްބިއުލާންސް އަށް ގުޅި" އާއިލާގެ މެމްބަރަކު ކިޔައި ދިނެވެ.

އެމީހާ ބުނި ގޮތުގައި ފުރަތަމަ ކަމަކަށް ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވުމުގައި ވެސް ލަސްތަކެއް ކުރިމަތިވިއެވެ. އެގޮތުން ބަލި މީހާ ހޮސްޕިޓަލަށް ގެންދެވޭ ގޮތްވީ އެ ރޭ 9:15 ހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ.

ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި އެމީހާ ބާއްވާފައި އޮތެވެ. ހޮސްޕިޓަލުން ބުނެފައި ވަނީ އެމީހާގެ ހިތް އެއްކޮށް ފެއިލްވެފައިވާ ކަމަށެވެ.

މި ހަބަރު ވެގެން ދިޔައީ އާއިލާ އަށް ބޮޑު ހިތާމައެއް ލިބިގެން ދިޔަ ހަބަރަކަށެވެ.

އޭގެ ފަހުން އެ ރޭ ދަންވަރު 12 ޖަހާއިރު ހޮސްޕިޓަލުން ވަނީ ބަލި މީހާ އަމިއްލަ އަށް ނޭވާލާން މަސައްކަތް ކުރަމުން އަންނަ ކަން އާއިލާ އަށް އަންގައިފައެވެ. އެކަމަކު އެ ހޮސްޕިޓަލުން އިތުރު ފަރުވާއެއް ދެވެން ނެތުމުން ބަލިމީހާގެ ހާލަތު ދެނެގަތުމަށް ސީޓީ ސްކޭނެއް ހެއްދުމަށް ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ޖެހޭކަމަށް ބުނެފައި ވެއެވެ.

އާއިލާއިން ބުނަމުން ގެންދިޔައީ ވީހާވެސް އަވަހަކަށް ބަލިމީހާ މާލެ ގެންގޮސް ފަރުވާކުރެވޭނެ ގޮތް ހަދައި ދިނުމަށެވެ. އެއާއެކު އާސަންދަ އާއި އެހެނިހެން އެހީދޭ ފަރާތްތަކަށް އެކަމަށް އެދުނު ނަމަވެސް ހޮސްޕިޓަލުން އެކަންކަން ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކޮށްފައިވާކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

"ބަލިމީހާ ވީހާވެސް އަވަހަށް މާލެ ފޮނުވައި ދިނުމަށް ހޮސްޕިޓަލުގައި އާދޭސް ކުރިން. ހޮސްޕިޓަލުގެ މެނޭޖަރު ބުނަމުން ގެންދިޔައީ އެކަން ކުރަމުންދާ ކަމަށް. އެކަންކަން ކުރެވެން އޮތީ ސިޔާސީ ގޮތުން ކަމަށްވެސް ހޮސްޕިޓަލުން ބުނި. އާއިލާއިންވެސް ސިޔާސީގޮތުން މީހުންނާއި ވާހަކަ ދައްކައިގެން އެކަން އަވަސް ކުރުމަށް މަސައްކަތް ކުރުމަށް އެދެން ހޮސްޕިޓަލުން ބުނި" ބަލިމީހާގެ އާއިލާއިން ބުނެފައި ވެއެވެ.

ޖެހިގެން އައި އާދިއްތަ ދުވަހުގެ ހެނދުނު އެމްއެންޑީއެފް ސަދަން އޭރިޔާގެ އެހީތެރިކަމާއެކު ބަލިމީހާ މާލެ ގެންދިއުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ހޮސްޕިޓަލުން ފެށިއެވެ. ނަމަވެސް ހޮސްޕިޓަލުން ބަލިމީހާގެ އަސްލު ހާލަތު ސިއްރުކޮށްފައި އޮތުމުން ހެލިކަޕްޓަރު ނައިސް ލަސްވި ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.

"އާއިލާއިން އަމިއްލަ ގޮތުން އެމްއެންޑީއެފް އަށް ގުޅުމުން ބުނީ ބަލި މީހާ ގެންދިއުމަށް ހެލިކަޕްޓަރަށް އެދިފައޭ އޮތީ. ނަމަވެސް ބަލިމީހާގެ އެއްވެސް ލިޔެކިޔުމެއް ހޮސްޕިޓަލުން އަދި ނުދޭކަމަށް ބުނީ" އާއިލާއިން ބުނެފައި ވެއެވެ.

މި ދަނޑިވަޅާ ދިމާކޮށް ހޮސްޕިޓަލުގެ މެނޭޖަރު ފިއްލަވާފައިވާ ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ. ފޯން ޗާޖުކުރަން ކަމަށް ބުނެ މެނޭޖަރު ގެއަށްގޮސް އަނބުރާ އައިސްފައި ނުވާއިރު އޭނާ އަށް ގުޅުމުން ފަހުން ވަނީ ނަންބަރުވެސް ބްލޮކް ކޮށްލާފައި ކަމަށް އާއިލާ އިން ބުންޏެވެ.

އޭގެ ފަހުން ފުލުހުންގެ އެހީއާއެކު މެނޭޖަރު ހޮސްޕިޓަލަށް ގެނައި ކަމަށްވެއެވެ. އަދި ބަލިމީހާ ފުރުވުމުގެ ކަންކަން އަވަސްކޮށްދިނުމަށް އާއިލާއިން ޖެހުނީ މެނޭޖަރަށް އާދޭސް ކުރަން ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ވެއްޓުނުތާ ބަރާބަރު ވިހިގަޑިއިރު ފަހުން ބަލިމީހާ މާލެ ގެންދެވުނު އިރު އައިޖީއެމްއެޗްއިން ވެސް ބަލިމީހާ އަށް ފަރުވާނުކުރެވުމުން ދެން ގެންދިޔައީ އޭޑީކޭ އަށެވެ. އޭޑީކޭގައި މިހާރު ބަލިމީހާ އޮތް އިރު ފަސްލައްކަ ރުފިޔާގެ ބޮޑު އޮޕަރޭޝަނަކަށް ދަނީ ތައްޔާރުވަމުންނެވެ.

އޭޑީކޭއިން ބުނާގޮތުގައި އަންހެންމީހާ އަށް ވަނީ ތިން ސްޓްރޯކް ޖެހި އެއްފަހަރު ފިޓުވެސް ޖެހިފައެވެ. އަދި ބޮލަށް ލޭ ވެސް އެޅިފައިވެއެވެ.

ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން 57 އަހަރުގެ އަންހެން މީހާ މަރާއި ހަނގުރާމަ ކުރަމުން ދަނީ ހޮސްޕިޓަލުގެ މެނޭޖަރުން ފެށިފެން އެތައް ބައެއްގެ އިހުމާލުން ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އަދި އޭޑީކޭއިން ކުރާ އޮޕަރޭޝަނަކީވެސް 50/50 ގެ އޮޕަރޭޝަނެއް ކަމަށް ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކައްބެ

    ހުރިހާގޮތަކުންވެސް ފެއިލްވެފައޮތް ސަރުކާރެއް ...... ވެރިކަމުގަ ހުރި މީހާ ނާޗަރަންގީ ކުޅެން ދުބާއީގަ ރަށްޔަތުން ހަނާވަނީ..

    41
    2
    • ބުރޯ

      ދެން އަންނަ އިދިކޮޅު ސަރުކާރެއްގައި މިހާރު އޮތް ސިއްހީ ދާއިރާއިން ވެފައިވާ އިހުމާލުތަކަށް ޖިނާއީ ތަހުޤީޤު ހިންގައި އެކަމަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް އުއްމީދު ކުރަން

  2. 😑😑😑😑

    ތިޔަ ވެކް ސިނެއްޖަހަން ފެށިފަހުން މިފަދަކަންތައް ހާދަގިނަވެއްޖެއޭ

    20
    1
  3. Anonymous

    އޭޑީކޭ އަކީވެސް ތެދުހަދާ ބައެއް އުޅޭ ތަނެއްނޫން އެތަނައް މައުލޫމާތެއް ސާފުކޮއްލަން ގުޅިޔަސް މުޅި ހަތަރުދަމު އޮންނަނީ ބިޒީވެފަ.

    21
    1
  4. މުހަންމަދު

    ވެރިމީހާ ސަރުކާރުގެ ޚަރަދުގައި ކަމާނުބެހޭ ގިނަ ބަޔަކު ގޮވައިގެން ގޮސް ޑުބާއީގައި އަރާމުކުރަނީ،ނައިބު ރައީސް ބުނާނެ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ކުރި އަރައޭ...

  5. ޜަޒާނާ

    ތިއެންމެންގެ މައްޗައް ޖިނާއީ ދައުވާ އުފުލަންވީ. މުޅިގައުނު ރައްޔިތުންވެސް ހިމެނޭގޮތައް ސިޔާސީވެގަތުމުގެ ހިތި ނަތީޖާ ތިޔަ ފެންނަނީ. ވަޒީފާހޯދަނީވެސް ސިޔާސީ މީހުންނާއި ގުޅިގެން ސުކޫލު ޖާގަ ހޯދަނީވެސް ސިޔާސީ މީހުންނާއި ގުޅިގެން އާސަންދަ ހޯދަނީވެސް ސިޔާސީ މީހުންނާއި ގުޅިގެން. މިކަމުގެ އާދަ ރާއްޖޭގައި އުފެއްދީ ރައްޔިތުން އަމިއްލައަށް. ރައްޔިތުން ވޯޓު ވިއްކަނީވެސް އަދި ސިޔާސީ މަގާމުތަކައް އެކަށީގެން ނުވާމީހުން ހޮވަނީވެސް. އެހެންވީމާ އަދި ގޯހެއް ނުވޭނޫންތޯ. ބޭސްގުޅަވެސް ދެން ހޯދަންޖެހޭނީ ސިޔާސީ މީހަކާއި ގުޅިގެން. މިއޮތީ ވާ ގައުމަކާއި ރައްޔިތުންނެއް ލިބިފާ.

  6. ކިނޮޅަހު ބޭރި

    ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވާ މައްސަލައަކީ ވަރަށް ވެސް ޢާންމު ކަމެއް. ސަބަބަކީ ގިނަ ރަށްރަށުގައި އެމްބިއުލަންސް ދުއްވާ ޑްރައިވަރުން ފެންނަނީ ރަސްމީ ޑިޔުޓީ ގަޑީގައި ވެސް 2ގަޑި3ގަޑިއިރު ކެފޭ ތަކުގައި ތިބޭތަން. އަދި ބަސްމަގުވެސް އެހާ ހުތުރު. ރ.އަތޮޅު ބައެއް ރަށްރަށުގައިވެސް މިފަދަ ޑްރައިވަރުން އެބަތިބި. މިއީ ކިހާވަރެއްގެ ޒިންމާ އެއްކަން އެނގޭހެންވެސް ހިއެއްނުވޭ! ތި ވިދާޅުވާ މެނޭޖަރު މިހާރުން މިހާރަށް ވަޒީފާއިން ވަކިކުރަން ގޮވާލަން.

  7. ކައިރީގަ ހުރިމީހާ

    އުތުރުރަށެެއްގަ ބޭއްވުނު ކަމަކަށް ގޮސްހުންނެވި ހެލްތު މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރަކު އާދީއްތަދުވަހު ފުރަންލޯންޗް ދޮށަށްނުކުމެ ވަޑައިގެން ހުންނަވަނިކޮށް ތިވާހަކަ އެރަށަށްގޮސް ހުރި ބަލިމީހާގެ ތިމާގެ ކުއްޖަކު ކިޔައިދިނުމުން ހަމަ ވަގުތުން ގުޅުއްވާފާ ވާހަކަދައްކަވާފަ ވިދާޅުވި މިހާރު އެބައޭނަ މާލެގެނައުމުގެ ކަންތައްތައް ހިނގައޭ. މަތިންނޭގެންނާނީ. މީހަމަގައިމުވެސް އެވާހަކަ ދެންނެވިތާ 15 މިނިޓް އިރުތެރޭގަ ކުރެއްވެވި މަސައްކަތްޕުޅުން އެތިމާގެ ކުއްޖާއަށް ދެއްވި ޖަވާބު. އެހެންވީމާ ކޮންމެ ކަމެއްގަވެސް ކަންހުރިނެތްގޮތް ވަގުތުނޫހުން ސާފުކޮށްލުން ރަނގަޅުވާނެ

  8. ބަތޫތާ

    އަވަސް ފަރުވާ ހޯދަން މެމްބަރަށް ސަލާންޖަހަންޖެހޭ ނިޒާމު އެއީ ޑިމޮކްރަސީއަކީ

  9. ކިޔުންތެރިޔާ

    މަސްވެރިންތަކެއް ވަޑާގެޔައް ވެދީމަ، ވަޑާންގޭގައި ކުރާނީ މަސްވެރިކަމާ ގުޅޭމަސައްކައްދޯ،...ޥިލިނގިލީ ގަ ތީ އާމުކަމެއް ދެރަމީހުންއް ދެރަކޯށް ހިތުމަކީ..ހޮސްޕިޓަލުގެ ނަރުހުންނަކީވެސް އެހާމެ ބޮޑާ ބަޔެއް އެތާގަ ބައެއް ނަރުހުން ދަނީ އެތަނައް މުސާރައިގެ ދަހިވެތިކަމުގަ..ބަލިމީހުންނަނަށް ހިދުމަށް ދޭކަސެށް ނޫ އެތާގެ ސީނިއަރ ނަރުހުންގެ ވާހަކަ