ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާރ މިނިސްޓްރީއާއި މިއަދު ހަވާލުކޮށްފި އެވެ.

މިއީ ސްޓެލްކޯ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މަސައްކަތް ނިންމާ މިނިސްޓްރީއާއި ހަވާލުކުރި ލިއުމުގައި މިނިސްޓްރީގެ ފަރާތުން ސޮއެ ކުރެއްވީ މިނިސްޓަރ އައިޝަތު މުހައްމަދުދީދީ އެވެ. ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޢުނީ އެވެ.

މިނިސްޓަރ އައިޝަތު މުހައްދުދީދީ ވިދާޅުވީ، މއެ މަސައްކަތަކީ ފަހަރެއްގައި ކުޑަ ކަމެއްގެ ގޮތުގައި ބަޔަކަށް ވިސްނިދާނެ ނަމަވެސް އޭގެ ސަބަބުން ބައެއްގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ނުކޮށް ބޭނުން ނޮކޮށް ހުންނަތާވެސް ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ.

ޖެންޑާ މިނިސްޓަރ އައިޝަތު ދީދީ ސްޓެލްކޯގެ ރަސްމިއްޔާތުގައި - ފޮޓޯ: ސްޓެލްކޯ

"މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާއި ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލިފުތަކަށް ބަދަލެއް މިގެނެސްދެވުނީ. އެއީ ކަންނޭގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ" މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް ލިބިގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިކުންފުންޏަކީ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައިމިވަނީ އަޅުގަނޑުމެންނާއި އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން" މުޢުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޣުނީ ސްޓެލްކޯގެ ރަސްމިއްޔާތުގައި - ފޮޓޯ: ސްޓެލްކޯ

މީގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކި އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، މިއަދު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހިންގި ފަދަ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށްއޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއްނެތި ކުރަމުންގެންދާނެ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި ދެ ފާހާނާ ކޮޓަރީގެއާއި، ފާހާނާ ބަރީގައި ހިމެނޭ ހަ ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓް ކޮށް ބެއްދުން ހިމެނެއެވެ. އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއައް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވާގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރައްވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލްއެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި، އެމުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވަނީ ކޮށްދީފަ އެވެ.