އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވާދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.

މިރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދު ވިދާޅުވީ، ދަނގެތީގެ ފެނުގެ ނިޒާމް 2018 ވަނަ އަހަރުގައި ގާއިމް ކުރެވުނު ނަމަވެސް، މިއަދާ ހިސާބައްވެސް އެ ނިޒާމްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެރަށުގައި 18 ގެސްޓް ހައުސްއާއެކު 280 އެނދު އޮޕަރޭޓް ކުރަމުންދާއިރު، ފެން ލޮނުވެފައިވާ މައްސަލައަކީ އަބަދުވެސް ފަތުރުވެރިންގެ ޝަކުވާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއާއި ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލްގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅުނު ކަމަށެވެ. އަދި އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގއި މިރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ހައުސިން މިނިސްޓްރީއާއި ހަވާލު ކުރި ކަމަށާއި، އަދި ސަރުކާރުން ސްޓެލްކޯއާއި އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާއި ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނައިރު، އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ސްޓެލްކޯއާއި ހަވާލުވި އިރުވެސް، މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތީ. އަޅުގަނޑު އައިސް އެވާހަކަ ދެއްކީމާ، ތިބޭފުޅުންނަށް ހަމަ ތެދު ތެދަށް މިދަންނަވަނީ. އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ. އެ ބެލުން،". ޝަރީފު ވިދާޅުވިއެވެ.

ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ސްޓެލްކޯ

އަދި ސްޓެލްކޯގެ ކަމާއި ގުޅުން ހުރި ޑީޕާޓްމަންޓުގެ ވެރިޔާއަށް ފެނުގެ ހިދުމަތް ދަނގެތީގައި ދެވޭނީ ކިހިނެތްތޯ ބެލުމަށް ހަވާލު ކުރިއިރު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އޭގެ މައުލޫމާތުތައް ދެއްވި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާކަމަށްވާނަމަ، ބޭރުގެ އެކުންފުނިން، މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ، އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބެއް ދަންނަވާލާނަން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު، ލޯވަޅު އެޅި ފެން ނުހިފަހައްޓާ. އަދި އާރުއޯ ޕްލާންޓުވެސް އެކަށީގެންނުވާ ޕްލާންޓެއް ހުރީ. އެއަށް ބޭނުންވާ ވަރަށް ނޫފެއްދޭ ވަރުގެ ޕްލާންޓް ހުރީ. އެއަށްވުރެ މުހިއްމު އަދި މި ހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކް. އެ ހޮޅިތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން.". ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވިގޮތުގައި، ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާއި އެކު ލީކުވާން ފެށިއެވެ. އަދި ހޮޅި އެކި ދިމަދިމާލުން ފަޅައިގެންދިޔައިރު، މިނިސްޓްރީގައި ދަންނަވައިގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިނެޓްވޯކް ގާއިމް ކުރާއިރު، 365 ޓަނުގެ ދެ ޓޭންކާއި، 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި، 7000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަނގެތީގެ ފެނުގެ ވިއުގަ ބަދަލު ކުރުމަށް ދީފައި އޮތީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ތިން މަސް ދުވަހުގެތެރޭ އެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން ކުރުސީ

    އިންޑިޔާ ކުންފުނިތަކާ ޕުރޮޖެކުޓުހަވާލުކުރުމުން އެއއްޗަކަށް އެއްޗެއްހަދާފަ ލާރިކޮޅުހިފައިގެން ފިލަނީ. ޢޮޕަރޭސަނާ ހަވާލުވާބަޔަކު މިޖެހެނީ އަލުންބަކުން އެމަަސައްކަތްކުރަން. ހަރަދު ދެގުނަވީ.

  2. މުއިއްޒު 4 ޕްރެސިޑެންޓް

    ވެރިކަން ވެއްޓެން 7 ދުވަހަށްވީމަތަ ހަނދާން ވީ؟
    ތިޔާއެކު ދަނގެތީގަ ބުރުޖު ހާލީފާއަކާ، ތާޖު މަހަލް އެއް އަޅަން ވެސް އިފްތިތާހު ކުރިނަމަ. ނިންމާކަށް ނުކެރޭވިއްޔަ ކަލޭމެނަށް.
    މިފަހަރު ހަމަ އެއްބުރުން މުއިއްޒު

    7
    1
  3. ކާސިންބެ

    ވޯޓްލާ ނިމުމާއެކު މަސައްކަތް ވަޅުޖެހޭނެ