ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ "ނޫ އިގްތިސާދު" ސިޔާސަތާއި އެސިޔާސަތުގެ އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވޯލްޑް ބޭންކުން ރާއްޖެއަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ.

ވޯލްޑް ބޭންކްގެ ފަރާތުން ރާއްޖެއަށް ކުރާ މި ޒިޔާރަތާ ގުޅޭ ގޮތުން އިއުލާން ކުރެއްވީ، ދެކުނު އޭޝިއާ ގޮފީގެ ނައިބު ރައީސް ހާޓްވިގް ޝެފާ ޓްވިޓާގައި ޚިއްސާ ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ދުނިޔެއަށް ކުރިމަތިވި ފަހުން ވޯލްޑް ބޭންކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރު ކަން ހާޓްވިގް ޝެފާ ފާހަގަ ކުރެއްވިއެވެ.

ޝެފާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ވެސް އިގްތިސާދީ ތަދުމަޑުކަން ކުރިމަތިވެ، އޭގެ ސަބަބުން ގިނަ އާއިލާތަކެއްގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރި ކަމަށެވެ.

މި ހާލަތުގައި ރާއްޖޭގެ ސިއްޚީ ނިޒާމު ހަރުދަނާ ކުރުމަށާއި، ހާލުގައި ޖެހުނު އާއިލާތަކަށް އިންކަމް ސަޕޯޓް ނުވަތަ މާލީ އެހީ ސަރުކާރުން ފޯރުކޮށްދިނުމުގައި، ރާއްޖެއަށް ވޯލްޑް ބޭންކުން އެމަޖެންސީ ސަޕޯޓް ފޯރުކޮށްދިން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވޭތުވެދިޔަ ތަނުގައި ވޯލްޑް ބޭންކުން ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެހެންވިޔަސް އަދިވެސް ކުރަން ހުރި މަސައްކަތްތައް މަދު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި، ރާއްޖޭގެ ނޫ އިގްތިސާދުގެ ސިޔާސަތާ އެއް ގޮތްވާ ގޮތުގެ މަތިން އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާ ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރާއްޖެ އައިސް އަޅުގަނޑު މި ބަލަނީ ރާއްޖޭގެ ނޫ އިގްތިސާދުގެ އެޖެންޑާ ދެނެގަނެ، ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަން ދަމަހައްޓަން، އެ ކަމަށް އެހީވަން، ވޯލްޑް ބޭންކްގެ ގުނަވަންތައް އަބަދުވެސް ރާއްޖެއާއެކު ތިބޭނެ،" ހާޓްވިގް ޝެފާ ވިދާޅުވިއެވެ.

ޝެފާގެ ވީޑިއޯ މެސެޖް ރީޓްވީޓް ކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ވޯލްޑް ބޭންކްއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އަދި ދުވަސްވީ ބައިވެރިޔާ ކަމަށާއި އެ ބޭންކަށް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށެވެ.

"ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އެންމެ ބޮޑަށް ހިތްވަރަކަށް ލިބުނީ ވެސް ވޯލްޑް ބޭންކުން ފޯރުކޮށްދިން އެހީތައް، އަދި އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާތީ އެ ކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އަމީރު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރު ތެރޭގައި ވެސް ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން 16.5 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓްއެއް ލޯންޗުކޮށްފައެވެ.

ރައީސް ސޯލިހްގެ ނޫ އިގްތިސާދުގެ ސިޔާސަތުތަކުގެ އެޖެންޑާއާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން މަޝްވަރާ ކުރާނެ ކަމަށް ބުނިއިރު، އަންނަ އާދީއްތަ ދުވަހު ފަށާ މޫސުމީ ބަދަލުގެ ކޮންފެރެންސް ނުވަތަ ކޮޕް 26 ގައި ރާއްޖޭން ބައިވެރިވާނެއެވެ.

ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވާއިރު، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ބޭރުގެ މާލީ އެހީއަށް އަޑު އުފުއްލަވަން ވަނީ ނިންމައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޒީ

    2023 ކައިރިވަމުން އައިވަރަކަށް ދަޅަދައްކާނެ! 3 އަހަރު ފާއިތުވެދިޔައިރުވެސް ވީކަމެއް ހަމަ ޙަރާމް! ދެންވެސް ނުވާނެ!!!

  2. ހަޒާމް

    ދެން ނޫ އިގުތިސޯދު ނިމުނީމަ ރީނދޫ އިގްތިސޯދު.. އެހެންނުން. އިގުތިސޯދުގަ ކުލަ ޖައްސަމުންގޮސް ހޭކެނޑޭއިރުވެސް އެ ބުނާ އިގުތިސޯދެއް ރައްޔިތެއްގެ ލޮލަ ނުފެންނާތީ ދެރައީ.

  3. ަައަލީ

    އިޤްތިސާދީ ބޫމް މިވަނީ މާލެ ސަރަޙައްދަށް އައިސްފައި. ރައީސް ޔާމީނު ސަރުކާރުން ހުޅުމާލޭގައި ހެއްދެވި 7000ފ މިސަރުކާރުގެ ނާޤާބިލްކަމުން ނުނިންމައި ރައްޔިތުންނަށް ދިނުމުން އެ ފްލެޓްތަށް ހަދަން ބޭނުންވާ މެޓީރިއަލް ގަންނަން ފިހާރަތަކުގައި ކިޔޫ ހަދައިފިއެވެ. ރައީސް އިބޫ ސާލިޙް ވިދާޅުވި އިޤްތިސާދީ ބޫމާކީ މިއީކަމަށްވެދާނެ.