ވ. ފުލިދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުން ލަސް ވަނީ އެތަން އަޅާނެ ބިމެއް ހަމަނުޖެހިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ފުލިދޫ ސްކޫލުގެ ހޯލް އެޅުން ލަސްވާ މައްސަލާގައި ސުވާލު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށްފައެވެ. ފެލިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ސްކޫލުގައި ހޯލް އަޅަން ޕްރޮޕޯސްކޮށްފައި އޮތީ ބާ ހޯލް އިމާރާތް ހުރި ތަނުގައި ކަމަށެވެ.

"އެތަނުގެ އޭވީ ރޫމް ތަޅާލާފައި މަލްޓި ޕާޕަސް ހޯލް އެޅެން އޮތީ" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ ސްކޫލުގައި ވަކިވަކިން ހުރީ ހަތަރު ކްލާސް ރޫމް އާއި، ހޯލް ތެރޭގައި ކިޔަވައިދެމުންދާ ހަތަރު ކްލާސް ރޫމްއެވެ.

" ފަހެއް ހައެއް ކިޔަވައި ދެނީ މަލްޓި ގްރޭޑްކޮށް، ހަތެއް އަދި އަށެއް ގެންދަނީ މަލްޓި ގްރޭޑްކޮށް އަދި ޔޫކޭޖީ އެލްކޭޖީވެސް ތިބެނީ އެއް ކްލާހެއްގައި" ސްކޫލަށް އިތުރު ކްލާސްރޫމްތަކެއް ބޭނުންވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހޯލް އަޅައިފިކަމަށްވާ ނަމަ ކުދިން ކިޔަވާނެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ސްކޫލުގެ އުތުރަށް އޮތް ބިމުން 100 ފޫޓް 80 ފޫޓް ބިމެއް ލިބިއްޖެ ނަމަ ހޯލް އެޅިދާނެ ކަމަށެެވެ.

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަނުން ވަނީ ކައުންސިލާއެކު މަޝްވަރާތަކެއް ކޮށްފައެވެ. އަދި އެކަމުގައި ރައްޔިތުންގެ ހިޔާލޯ ހޯދަން ރޭ ވަނީ ބައްދަލުވެއްވެސް ބާއްވާފައެވެ.

ހޯލް އަޅަން ކިހާ ދުވަހެއް ނަގާނެތޯ ފަޒުލް ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ބިން ހަމަޖެހޭ އިރަށް ޓެންޑަރިންއަށްލާނެ ކަމަށެވެ. އެކަމަށް ނަގާނީ އެއް މަސް ކަމަށް ވިދާޅުވިއެވެ.

ސްކޫލަކަށް ހެދުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ރާއްޖޭގެ 213 ސްކޫލުގައި ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނި މަސައްކަތްކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙޮގޮ

    ޙާދަބޮޑޭ

  2. Anonymous

    ބިން ހަމަނުޖެހި އަބަދު ތެޅެނީތޯ. ބަލަ މުޅިންވެސް ހުންނާނީ ދަޢުލަތުގެ ބިން. ދަޢުލަތުން ބޭނުންނަމަ ބިން ރުއްސުވައިގެންވެސް ހަމަޖެއްސޭނެ. ކުރަންބޭނުންނުވީމަ ބިންހަމަނުހޭތީއޭ ހަމަނުޖެހުން ހިންގަނީއޭ ކިޔުމުގެ ބޭނުމެއް ނެތް.