ޔޫތް މިނިސްޓްރީ އާއި ފުލުހުން އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހުކޮށްފިއެވެ.

އިއްޔެ ހަވީރު ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ކޭމްޕް ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް ސޮއިކުރެއްވިއިރު އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ މޭޔަރ އަލީ ނިޒާރުއެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފްއެވެ.

މިރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، ޒުވާނުން ރަނގަޅު ކަންކަމަށް އަދި ނުރަނގަޅު ކަންކަމަށް ފުރޮޅިގެންދާ އެންމެ ނާޒުކު އުމުރަކީ ސްކޫލު ނިންމާ ޒުވާނުން މުޖުތަމައުއަށް ނުކުންނަ އުމުރު ކަމަށެވެ. އަދި އެއުމުރުގައި ރަނގަޅު މަގު އިހުތިޔާރުކޮށް، ދައްކުވައިދެއްވިއްޖެނަމަ ޒުވާނުންނަކީ ގައުމަށް އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވޭނެ ޒުވާނުންތަކަކަށް ހެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަސީލު ޒުވާނާ 2021 އިފްތިތާޙް ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި މޭޔަރު ނިޒާރް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

"މި ޕްރޮގްރާމުގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް މުހިންމު އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރަން. މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުމަކީ މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހިފައިވާކަމެއް. މިކަމަށް އިސްނަގައިގެން މިފަދަ ކޭމްޕެއް އައްޑޫ ސިޓީ ކުރިއަށް ގެންގޮސްދިނުމަށް ނިންމިކަމަށްޓަކައި ޝުކުރު އަދާކުރަން" އަލީ ނިޒާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހުސައިން އިސްމާއިލް ވިދާޅުވީ، ލާމަސީލު ޒުވާނާ ކޭމްޕަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުން ޝައުޤުވެރިކަން ހުރިދިމާތަކުން އެޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ލާމަސީލު ޒުވާނާ 2021 އިފްތިތާޙް ކުރުމާއި، ފަހުމު ނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ލާމަސީލު ޒުވާނާ ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.

މި ކޭމްޕުގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގ އާއި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދޭނެއެވެ.

މީގެއިތުރުންވެސް ނަފްސަށް ކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ.