ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މިއަދު ބުނީ، ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށިލުމުގެ މަަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ޖުމްލަ 50.86 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ އެވެ.

މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.