ހދ. ނެއްލައިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ސައިޓަށް ގެންދިއުމުގެ އިތުރުން މިހާރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުއެވެ. އެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެޕްރޫވް ވުމާއެކުއެވެ.

ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާއި ހަވާލު ކުރި މި މަޝްރޫއުގެ އަގަކީ 19.8 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 250 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަޖެއް ނިންމާފައެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.