އެމްޑަބްލިއު އެސްސީ އިން ކުރިޔަށް ގެންދަވާ މޭލެ - ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާލުމުގެ މަޝްރޫއު ގެ ދަށުން ފުރަތަމަ ޕައިޕް މާލޭ ކޮޅުން ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ފަށާފައިވާކަން އިއުލާން ކުރެއްވީ އެމްޑަބްލިޔުއެސްސީ މިއަދު ކުރެއްވި ޓުވީޓުގައެވެ.

އެކަމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސާ މަރިޔަމް ޝިއުނާ "ވަގުތު" އަށް ވިދާޅުވީ "އެމްޑަބްލިއުއެސްސީ ކުރިޔަށް ގެންދާ ވޯޓާ ސެކިއުރިޓީ(ސާފު ބޯފެން ފޯރުކޮށްދިނުމަށް ) މާލޭ އާއި ހުޅުމާލެ އާދެމެދު އެޅުމަށް ހަމަޖެހިފައިވާ ވޯޓާ ޕައިޕް ގެ ފުރަތަމަ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށިގެން ގޮސްފައިވާކަމަށާއި އެ މަސައްކަތް ޝެޑިއުލާ އެތްގޮތަށް ވަރަށް ބާރަށް ދަނީ ކުރެވެމުންކަމަށެވެ.

"މި މަސައްކަތް ކުރަމުން ދާ ކޮންޓުރެކްޓަރަކީ ބުރިޖް ގެ އަމަލީ މަސައްކަތް ވެސް ކުރަމުން ދާ ފަރާތްކަން މި ފުރުސަތުގައި ފާހަގަ ކޮށްލަން " ޝިއުނާ ވިދާޅުވިއެވެ.

ވޯޓާ ސެކިއުރީޓީ މަޝްރޫއާ ގުޅޭ ގޮތުން އެމްޑަބްލިޔު އެސްސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒަލް މީގެ ކުރިން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖް މެދުވެރިކޮށް މާލެ އަށް އަޅާ ފެން ހޮޅި އެޅުމުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އެ މަޝްރޫއުގެ ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސީސީސީސީ ސެކަންޑް ހަބާ އިންޖިނިއަރިންނެވެ. އެބޭފުޅުންނާ އެމަސައްކަތް ހަވާލު ކުރެވިފައިވަނީ 200،000 ޑޮލަރު (ތިން މިލިއަން ރުފިޔާ) އަށެވެ.

ސީސީސީސީ އަކީ މިހާރު ކުރިޔަށް ދާ މާލެ-ހުޅުލެބުރިޖް ގެ ޑިޒައިން ކުރި ފަރާތްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ބުރިޖް އެޅުމުގެ އަމަލީ މަސައްކަތް ވެސް ކުރަމުންދަނީ ސީސީސީސީ ސެކަންޑް ހަބާ އިންޖިނިއަރިންނެވެ.