މިހާރު ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އޮންލައިން ޓްރެވަލް ބުކިންގ ޕްލެޓްފޯމް، އަގޯޑާއިން ވަނީ ފަތުރުވެރިންނަށް ހާއްސަކޮށްގެން ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ މޯލްޑިވްސް ބޯޑާ މައިލްސްއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޮންލައިންކޮށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު އަޙްމަދު ޙުސައިންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ ނައުޝާދު މުޙައްމަދާއި އަގޯޑާ ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް އާއި އަގޯޑާ ގުޅިގެން ކުރިއަށްގެންދާ މި ޕާޓްނަރޝިޕްގެ އަމާޒަކީ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ މެމްބަރުންނާއި ޕާޓްނަރުންނަށް ލިބޭ މަންފާ އިތުރުކުރުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އަގޯޑާއިން އެމީހުންގެ ތަޖުރިބާ ހިއްސާކޮށް، މި ޕްރޮގްރާމްގެ ޕާޓްނަރުން އެމީހުންގެ ގްލޯބަލް ނެޓްވޯކްގައި ޕްރޮމޯޓް ކުރުމަށް ވެސް މަގުފަހިވެގެންދާނެއެވެ. އަގޯޑާ އިން އެމީހުންގެ އެންމެ ފުރިހަމަ ޓެކްނޮލޮޖީ ބޭނުންކޮށް، ހޮޓެލް ބުކްކުރުމުގެ ސަބަބުންމޯލްޑިވްސް ބޯޑާ މައިލްސްގެ މެމްބަރުންނަށް އެކްސްކްލޫސިވް ސޭވިންގްސްގެ ފައިދާ ލިބިގެންދާނެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސްގެ އެސޯސިއޭޓް ޕާޓްނަރަކަށް އަގޯޑާ ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އިމްގްރޭޝަން

އޮންލައިންކޮށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ޙުސައިން ވަނީ ވިދާޅުވީ ކުރިޔަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި މޯލްޑިވްސް ބޯޑާ މައިލްސްގެ 50،000 މެމްބަރުން ހަމަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއީ ފުރަތަމަ އަހަރުގެ ތެރޭގައި ލަފާކުރި ވަރަށް ވުރެ މާ ބޮޑު ތަން ވެސް ބޮޑު އަދަދެއްކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަގޯޑާ ކުންފުނީގެ ސީއީއޯ ޖޯން ބްރައުން ވަނީ، މޯލްޑިވްސް ބޯޑަރ މައިލްސްގެ ނިންމުމަށް ތައުރީފް ކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު މި ޕްރޮގްރާމް ފެށިފަހުން، ޕާޓްނަރުންގެ ގޮތުގައި ޖުމްލަ 26 ބަޔަކު ސޮއިކޮށްފައިވެއެވެ. ޑިސްކައުންޓް ލިބޭ ހިދުމަތްތަކުން ފެށިގެންދިޔަ މި ޕްރޮގްރާމުގައި މިހާރު، މެންބަރުންނަށް މިހާރު ހިލޭ ވީއައިޕީގެ ހިދުމަތް ވެސް ލިބޭނެއެވެ.

މި ޕްރޮގްރާމަކީ ފަހަކަށް އައިސް ރާއްޖެ އަންނަ ފަތުރުވެރިންގެ "ސްޕޮޓްލައިޓް" އަކަށް ވެފައިވާ ޕްރޮގްރާމެކެވެ.