ދުވާލަކު ދަޢުވާއެއް އުފުލިޔަސް،މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވ.އަތޮޅު އާރަށް ކުއްޔަށް ދިނުމަށް ފަހު ޔާމީން ރިޝްވަތުގެ ފައިސާ ހޯއްދަވައިގެން އެފައިސާ އިން މަނީ ލޯންޑަރ ކުރެއްވި ކަމަށް ބުނެ މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލުމުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވާލަކު ދަޢުވާއެއް އުފުލިޔަސް މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކުލެއް ނުޖައްސަވާނެ ކަމަށެވެ. "ރައްޔިތުންގެ ހިތްތަކުގައި ރައީސް ޔާމީނަށް އޮތް ލޯތްބާ ތާއީދަކަށް ހީނަރުކަމެއް ވެސް ނާންނާނެ. އަދި ކިއެއްތަ؟ ތާއީދާ ލޯތްބާ އިތުބާރު ދާނީ އިތުރުވަމުން." އަދުރޭ ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި މިވަނީ އެމައްސަލަ ފުލުހުން ޕީޖީއަށް ފޮނުވިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ފުރަތަމަ މައްސަލަ ޕީޖީ އަށް ފޮނުވުމުން މައްސަލަ އަނބުރާ ފޮނުވާލީ ފުލުހުން ތަހްގީގު ކުރިއިރު ގާނޫނީ އިންޒާރު ދީފައި އޮތް ގޮތް ގޯސްވުމުންނެވެ. ފަހުން ފުލުހުން އަލުން މައްސަލަ ތަހްގީގު ކުރަން ގާނޫނީ އިންޒާރު ދިނުމަށް ފަހު ތަހްގީގު ފެށުމުން ޔާމީން ވަނީ ތަހްގީގު ނިމިފައި އޮތް މައްސަލައަކަށް ވުމުން ބަޔާން ދެއްވަން ދެކޮޅު ހައްދަވާފައެވެ.

މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ މިހާރު ވެސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެބައޮތެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިހާރު އޮތީ ހުކުމް ކުރަން ތައްޔާރުވެފައެވެ. މިމަސް ނިމުމުގެ ކުރިން އެމައްސަލައިގެ ހުކުމް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަޒީ

    އިން ޝާ އަﷲ

  2. ގަންޓާބެ

    ސަރުކާރުން އޭނަ ކުޑަކަކޫ ޖައްސުވަން ބޭނުންނަމަ ކުޑަކަކޫވެސް ޖައްސުވާނެ އޭނަ އަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރިކަން ސާބިތުވެގެން ޖަލަށް ހުކުމްކޮށްފަހުރި ވަގެއް އޭނަ ހެންވޭރުން ބޮޑުގޯއްޗެއްގަނެ އެގޯތީގަ 14 ބުރީ އިމާރާތެއް އެހަދަނީ ރައްޔިތުންގެ ހަރާން ފައިސާގަ އޭނަ އެގޭގަ ބަހައްޓައިފަ އެހެރީ ސަރުކާރުގެ ހެޔޮފުޅުކަމުން

    1
    5
  3. ތުއްތުބޭބެ

    ކުޑަކަކޫ ނުޖަހާނެ އޮޔާންވީ

    1
    1
  4. Anonymous

    ތިޔަކުރައްވާ ހިތްވަރަށް ސާބަހޭ އަދުރޭ، ސާބިތުކަމާއެކު ކުރިއަށް ވަޑައިގަންނަވާ، ﷲގެ ރަޙުމަތްފުޅުން އިންސާފަށް ވަކާލާތުކުރާ އަޅުންނަށް ނަޞްރު ދެއްވާށި އާމީން، ޔާރައްބަލްޢާލަމީން އާމީން.

    5
    1
  5. މަނީމަނީ

    ސަރުކާރެއްނޫން އެމީހަކު ކުރި ކުށުގެ އަދަބު