ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން ތާވަލްކުރި ދުވަހަށް އެއްބަސްވުމުގައި ސޮއި ކުރަން ނުދެވުނު މީހުންނަށް އެޗްޑީސީން އިތުރު ފުރުސަތެއް ދީފިއެވެ.

އެޗްޑީސީން މިއަދު ވަނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 14 ޖުލައި 2021 އިން 24 ނޮވެމްބަރ 2021 އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށް އެކިސަބަބުތަކާހުރެ އެއްބަސްވުމުގައި ސޮއިކުރަން ވަޑައިނުގަނެވިވާ ފަރާތްތަކާއި އަދި މިހާތަނަށް ސޮއިކުރަން އެޗްޑީސީން ގުޅާފައިނުވާ ފަރާތްތަކުން، އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވާ ލިސްޓް އާއްމުކޮށްފައެވެ.

ސޮއި ކުރަން އައިސްފައި ނުވާ 85 މީހެއްގެ މައުލޫމާތު އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ. މީގެ ތެރެއިން 25 މީހުން ސޮއި ކުރަން ތާވަލް ކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ބާކީ ތިބި 60 މީހުން ސޮއި ކުރުމަށް ތާވަލް ކޮށްފައި ވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ.

އެޗްޑީސީން އާއްމުކޮށްފައިވާ ލިސްޓް

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފަރާތްތައް، ހުޅުމާލޭގައި ހުންނަ ސެންތުރޯ މޯލްގެ ދެ ވަނަ ފަންގިފިލާއަށް، ޝެޑިއުލްގައިވާ ގަޑިއަށް ހާޒިރުވުމަށް އެޗްޑީސީން އެދެއެވެ.

ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފޯމު ނަންބަރު HF2 (ޒިންމާ ވާ ފަރާތުގެ ފޯމު) އެޗްޑީސީ އަށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވާއިރު ފޯމު ހުށަހެޅުމުން، މަޢުލޫމާތު ކަށަވަރު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންދަން ޖެހޭނެއެވެ. އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންދަން ޖެހޭނެއެވެ.

ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވަރ އޮފް އެޓަރނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކު ހާޒިރުވާން ޖެހޭނެއެވެ. އަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވަރ އޮފް އެޓަރނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެންދަން ޖެހޭނެއެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ގިނަ މީހުން ސޮއިކޮށް، މިހާރު ހާހެއްހާ މީހުން ވަނީ ފްލެޓަށް ބަދަލުވެފައެވެ. ނަމަވެސް ފްލެޓްގެ ފިނިޝިން މަސައްކަތް ނިމޭނެ ފަދަ މާލީ ތަނަވަސްކަމެއް ނެތިގެން އަދިވެސް ގިނަ މީހުންނަށް ފްލެޓަށް ބަދަލުވެވޭނެ ދުވަހެއް ނޭނގެއެވެ.