ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް ވެމްކޯއިން ނިންމައިފިއެވެ.

ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތްތަކަށް ބަދަލު ކޮށްފައި ވަީ 15 ސެޕްޓެމްބަރ އިން ފެށިގެންނެވެ. މިގޮތުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ހިދުމަތްވެސް ވަނީ ދޭން ފަށައިފައެވެ.

ވެމްކޯއިން ބުނީ ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުންދާއިރު، މިކޯޕަރޭޝަން ޙިދުމަތްތައް އިތުރަށް ބައްޓަންކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިސަރަހައްދުގެ ގޭބިސީތަކަށް ޙިދުމަތް ދިނުމަށް ހަމަޖެހިފައި ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ ދުވަހުން ފެށިގެން ދެން ހިދުމަތް ދެމުންގެންދާނީ 18:00 އިން 23:00 އާއި ދެމެދު ކަމަށް ބުނެފައި ވެއެވެ.

އަދި ހަވީރު 17:00 އިން ފެށިގެން ތައްޔާރުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެމްކޯއިން އެދިފައި ވެއެވެ.

ވެމްކޯއިން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތްތަކަކީ ރެޖިސްޓަރ ކޮށްފައިވާ އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކެކެވެ. އެހެންކަމުން، ވެމްކޯގެ ހިދުމަތަށް ނުގުޅިވާ ހުރިހާ ކަސްޓަމަރުން ވީހާވެސް އަވަހަކަށް ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިދުމަތަށް ރަޖިސްޓަރ ކުރުމަށް އެދޭ ކަސްޓަމަރުން މިކޯޕަރޭޝަންގެ ވެބްސައިޓް www.wamco.com/online އަށް ވަދެގެން ފަހު ހިދުމަތަށް އެދެވޭނެއެވެ.