ހިޔާ ފްލެޓްތަކުގައި ކޮންޓްރެކްޓަރު އަޅުވާފައި ހުރި މީޓަރަށް ދިމާވެފައިވާ އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ބެލުމަށްފަހު، މާދަމާއިން ފެށިގެން ފެން ބިލުތައް ފޮނުވުމަށް އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ފްލެޓްތަކަށް މާދަމާ ފެން ބިލް ފޮނުވަން ފަށަނީ މީގެކުރިން ފްލެޓްތަކަށް ފެން ބިލް ފޮނުވުމުން ބައެއް ފްލެޓްތަކުން ފާހަގަކުރި މައްސަލަކާ ގުޅިގެން އެ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު ކަމަށެވެ.
ޝާހް ވިދާޅުވީ، ކޮންޓްރެކްޓަރު އަޅުވާފައި ހުރި ފޯލްޓީ މީޓަރު އަދި މީޓަރުގެތަކުގައި ކޮންމެ ސީރިއަލް ނަންބަރު ހުރުމުގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ޑޭޓާބޭސްއެއް އެޅުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.
ފެން ބިލްގެ މައްސަލަތައް ބެލުމުން 3500 އާއި 4000 އެއްހާ ފްލެޓްގެ ބިލްގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މާދަމާ އިން ފެށިގެން ބިލް ފޮނުވާނީ މައްސަލަތައް ނެތް ފްލެޓްތަކަށް ކަމަށް ކަމަށް ޝާހް ވިދާޅުވިއެވެ.
ފެނުގެ ކަނެކްޝަންތަކުގެ މައްސަލަތަކާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، ފެނުގެ މައި ނެޓްވޯކުން ފެށިގެން ފެން މީޓަރުތަކާއި ހަމައަށް އަޅާފައި އޮތީ އެކުންފުނިން ބޭނުންކުރާ ކަހަލަ ހޮޅިއެއް ނޫން ކަމަށާއި އެހެން ކަމުން އެހޮޅިއަށް ގެއްލުމެއް ލިބިއްޖެނަމަ، މަރާމާތު ކުރާނެ ޓޫލްސް ވެސް އެކުންފުނީގައި ނެތް ކަމަށެވެ.
އެކަން އެގޮތަށް ވުމުން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރާނެ ކަމަށް ޝާހް ވިދާޅުވިއެވެ.
އެއް އެޕާޓްމެންޓުގައި މެއިންޓެނަންސް މަސައްކަތެއް ކުރަން ޖެހިއްޖެނަމަ މުޅި ފްލޯއިން ފެން ކަނޑާލައިގެން ނޫނީ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެތަންތަނުގައި ރަނގަޅަށް ވޭލްވްތައް ހަރުކުރެވިފައި ހުރި ނަމަ މުޅި ފްލޯއިން އެއްކޮށް ކަރަންޓް ކަނޑާނުލައި ދިމާވާ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.
ޝާހް އިތުރަށް ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކަށް މާދަމާ ބިލްތައް ފޮނުވާއިރު، ބައިބަޔަށް ބަހާލައިގެން ބިލްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. ބިލްތަކަށް ފައިސާ ދައްކަން އެއްބަސްވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައިފިނަމަ ޖޫރިމަނާ ނުނަގަން ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދެަނަފޭސް

  ފޭސްދޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތްދިނުމަކީ މިސަރުކާރަށް ފަސޭހަކަމެއްނޫން ކަމަށް އަސްލަމް ބުނާއއިރު ވޯޓްހޯދަންވީމާ ރައްޔިތުންވެގެން ނޫޅުމަށްއެދެން އެތަން ނިކަމެތި ނުކުރައްވާ

  14
 2. ހުސޭނުބޭ

  ކަލޯ ބުނީމު ފެންބިލު ބޮޑުވަނީ ޗައިނާ ކޮންސްޓްރަކްޝަނުން ފެން މީޓަރު ލާފާ ހުރުމުންނޭ! ވީމާ ކީއްކުރަން އެތާ އުޅޭ މީހުންނަށް ފެންބިލު ފޮނުވަނީ. ޗައިނާ ސަރުކާރަށް ފޮނުވަންވީނު!

  2
  1
 3. ފެލާ

  ޗައިނާއިން މާލެ ހުޅުމާލެ ކަރަންޓް އެއްވިއުގަޔަކުން ގުޅާލައި ޒަމާނީ ފެނވަރުގެ އިންޖީނުގެ އެއެއް ހުޅުމާލޭގައި އަޅައި ކަރަންޓް އެދެނީ ދެން ކީއްވެތަ ކަރަންޓް އަގު ބޮޑު ނުވަނީ؟ ކަލޭމެންނަށް މަކަރު ހެދެނީ ކަލޭމެންގެ މީޓަރު ހަރުކޮށްގެން އެހެންވީމާ ތިކަހަލަ ވާހަކަ ވެސް ދައްކާނެ