ރާއްޖެ އަށް އާ ވޭރިއަންޓުތައް އައުން ނުހުއްޓުވުނު ނަމަވެސް، ޕީކްތައް އައުން ހުއްޓުވުން ނުވަތަ އައުން މަދު ކުރެވިދާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާ އިރު، ދުނިޔޭގެ އެކި ގައުމުތަކަށްދާ ދަތުރުވެރިންގެ ގައިން ކޮވިޑްގެ އާ ވޭރިއަންޓް ފެންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން މީހުން ރާއްޖެ އަށް އައުން މަނާކުރިކަމުގައި ވިޔަސް، މި ކުރެވޭ ހަމައެކަނި ކަމަކީ ރާއްޖެ އަށް ބަލި އައުން ލަސް ކުރުން ކަމަށެވެ.

"ޑެލްޓާގައި ވެސް ފާހަގަ ކުރެވުނު، އެއް ގައުމުން ފެނުމަށް ފަހު ވަރަށް ގިނަ ގައުމުތަކަށް ވަރަށް އަވަހަށް ފެތުރިގެން ދިޔަ ކޭސްތައް. އެހެންވީމަ ބޮޑަށް މި ނަގާ މެޝާސްތަކުން އަޅުގަނޑުމެންނަށް ޑިލޭ ކުރެވޭނީ ވައިރަސް އައުން. އެއްކޮށް ނުހުއްޓުވޭނެ،" ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވެއެވެ. އެއީ މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.

ނަޒްލާ ވިދާޅުވީ ވޭރިއަންޓުތައް އައި ކަމުގައި ވިޔަސް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ފެތުރުމުގެ ފުރުސަތު ކުޑަ ކުރުން ކަމަށެވެ. އެގޮތުން އެއާޕޯޓަށް އަންނަ ފަތުރުވެރިންނާއި ދަތުރުވެރިންގެ ޕީސީއާރު ޓެސްޓްތައް ހުރިތޯ ޔަގީން ކުރުމާއި ވެކްސިން ޖެހިތޯ ބެލުން ފަދަ ކަންކަން ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް-19 ގެ މަސައްކަތް ފެށުނު ފަހުން މިހާތަނަށް އައި އިރު، 830 ސުންކު ސީކުއެންސިން އަށް ރާއްޖެ އިން ބޭރަށް ފޮނުވާފައިވެއެވެ. ސުންކުތައް ސީކުއަންސިން އަށް ރާއްޖެ އިން ބޭރަށް ފޮނުވަނީ ކޮވިޑްގެ ވައްތަރުތައް ދެނެގަތުމަށެވެ.

އެގޮތުން އޮގަސްޓް 13 އިން ފެށިގެން ހަފްތާއަކު އެއް ފަހަރު 50 އަށް ވުރެ ގިނަ ސުންކުތައް އިންޑިއާގެ އައިޖީޖީއައިބީ އަށް ފޮނުވައިގެން ގަވައިދުން ސީކުއަންސިން ހަދަމުން އެބަގެންދެއެވެ. ނަޒްލާ ވިދާޅުވީ ސީކުއަންސިން އަށް ފޮނުވި ސުންކުތަކުގެ ތެރެއިން ވަރަށް މަދު ސުންކެއް ފިޔަވައި ހުރިހާ ސުންކަކީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ.

އަދި މި މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތް ކުރަމުންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި ހުރިހާ ވޭރިއަންޓްތަކެއް ވެސް އުޅޭނެތީ، މިވަގުތު އެންމެ މުހިންމު ކަމަކީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ އެވޭރިއަންޓާއި މެދު ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ނިންމައިފައެވެ.

އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ޔޫރަޕްގެ ގައުމުތަކާއި އެހެނިހެން ބައެއް ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފޯ

    ސިއްހީ ނިޒާމް އޮތީ ބޮޑުތަނުން ފެއިލްވެފަ، ވައްކަންކޮށް ކޮރަޕްޓްވެފަ، އިތުބާރެއްނެތް

    16
  2. 😑😑😑

    އެކަކުވެސް މިވާހަކަތަކަށް ނުހެއްލޭތި.

    12
  3. Anonymous

    ޕީކެއް ވެސް ނުހުއްޓުވޭނެ.

  4. ޢިޔާބު

    ދެން އަނގަ ނާރުވާ. ފޫހިވެއްޖެ

  5. ޑައެލޯގް

    އަނެއްކާ މިސަރުކާރު ކަމެއްނުކުރުމަށް ބަހަނާއެއްލިބުނީއެވެ. ދެންބުނާނެ ކޮރޯނާއޭ އެކަމު ބިލިއަނުން ބަޖެޓް ފާސްކުރޭ ތަރައްގީއަށްވާކަމެއްހަރާން