ޖީނޯމް ސީކުއެންސިން ނުވަތަ ކޮވިޑުގެ ވައްތަރުތައް ދެނަގަތުމަށް ހަދާ ޓެސްޓު ރާއްޖެއިން ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޮން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނާތީ ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ސީކުއެންސިން ކެޕޭސިޓީ ގާއިމް ކުރުމަށް ބޭނުންވާ މެޝިނަރީޒް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ދެން ކުރަން ޖެހޭ ކަމަކީ އެ ތަކެތި އިންސްޓޯލް ކުރުމާއި މީހުން ތަމްރީނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސީކުއެންސް ހަމައެކަނި ކުރުމަކުން ނުނިމޭ. ގްލޯބަލް ޑޭޓާބޭސްއަކަށް މި އެއްޗެހި އަޕްލޯޑުކުރަން ޖެހޭ ޓެސްޓް ކުރުމާ އެކު. އޭރުން އެނގޭނީ ތަފާތު ވޭރިއަންޓެއް އާދޭތޯ، ކޮބާތޯ މި އަންނަ ބަދަލުތަކަކީ، މިއުޓޭޝަންތަކަކީ ކޮބާތޯ. އެ ހުރިހާ ތަފްސީލެއް އެނގެން ހުންނާނެ. މި ކަންކަމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ" ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ ވޭރިއަންޓް ބެލުމަށް އިތުރަށް ތަހުލީލު ކުރުމަށް ޖީން ސީކުއެންސް ގަވައިދުން ހަދަމުން ގެންދާ ކަމަށެވެ. މިހާތަނަށް 830 ސުންކެއް ބޭރަށް ފޮނުވައިގެން ޖީނޯމް ސީކުއެންސިން ހަދާފައިވާކަން ނަޒްލާ ފާހަގަކުރައްވާ، ނަޒްލާ ވިދާޅުވީ، ޓެސްޓް ކުރުމަށް ބޭނުންވާ މެޝިނަރީޒް ރާއްޖެ ގެނެވިފައި ހުރި ނަމަވެސް، ސީދާ ރާއްޖެއިން އަދި ޓެސްޓް ކުރެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ބޭރަށް ފޮނުވި ގިނަ ސުންކުތައް ޑެލްޓާ ވޭރިއަންޓުގެ އެކި ވައްތަރުތަކަށް ފައްސިވެފައިވެއެވެ.

ރާއްޖެ އިން ކޮންމެ ހަފްތާއަކު، 50 ނުވަތަ އެއަށް ވުރެ ގިނަ ސުންކުތައް އިންޑިއާ އަށޤ ފޮނުވައިގެން ތަހުލީލް ކުރެއެވެ.