ކާރުތަކުގައި ދަތުރު ކުރާ އިރު، ސީޓް ބެލްޓް އެޅުން މަޖުބޫރު ކުރުމާ ގުޅޭ ގޮތުން އަލުން މަޝްވަރާ ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ އެގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކާރުގައި ސީޓް ބެލްޓް އެޅުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައިވޭތޯ ހައިތަމް ސުވާލު ކުރެއްވުމުން ނަހުލާ ވިދާޅުވީ ކާރުގައި ސީޓް ބެލްޓް އެޅުމާއި ގުޅޭ ގޮތުން މީގެ ކުރިން، ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ބްރިޖު މަތިން ދުއްވާއިރު ކާރުތަކުގައި ސީޓް ބެލްޓް އަޅަން ޖެހޭނެ" ނަހުލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގަވައިދުތައް ހަދާއިރު ހައިތަމް ވިދާޅުވި ކަންތަކަށް ރިޔާއަތްކުރައްވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ބޭރު ބައެއް ގައުމުތަކުގައި ހައިވޭތަކުގައި ދުއްވާ އިރު، ކުރީ ކާރުގެ ކުރީކޮޅުގައި ތިބޭ މީހުން ސީޓް ބެލްޓް އެޅުން އޮންނަނީ މަޖުބޫރުކޮށްފައެވެ. އެއީ އެކްސިޑެންޓެއް ހިނގައިފި ނަމަ، ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. މި ފިޔަވަޅާ ހިލާފުވާ މީހުން ޖޫރިމަނާ ވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ދިދަ

    ސީޓް ބެލްޓް ނޭޅިގެންތަ މިއުޅެނީ ...ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތަވަރުތަކުގެ ސެކިއުރިތީ ބަލަހައްޓަބަލަ ހޭބަލިތަކާ

  2. ސަމީރު

    ރައްޔިތުން ނަށް ބަލާ ވެރިކަން ޖެއްސުން ނޫން ކަމެއް ނުކުރޭ!!