ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް ހަދައި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދެއްވާނެ ކަމަށް ސަރުކާރާއި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒު އެގޮތަށް ވައުދުވެވަޑައިގެންނެވީ ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޑްރައިވަރުންނާއި މިއަދު ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ނެވެ.

މުއިއްޒު މިއަދު ވިދާޅުވީ ޓެކްސީ ޑްރިވަރުންގެ ދަފުތަރެއް މިހާތަނަށް ވެސް އޮތީ އެކުލަވާނުލެވި ކަމަށާއި އޭގެ ސަބަބުން އެ މީހުންނަށް ވަކިން ހާއްސަކޮށް އެކިކަންކަން ކޮށްދިނުމަށް ބޮޑު ހުރަހަކަށް ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޓެކްސީ ޑްރައިވަރުން ދަފުތަރު ކުރެވުމުން އެ މީހުންނަކީ ވެސް ވަކި ވަޒީފާއެއް އަދާ ކުރާ ބައެއްގެ ގޮތުގައި ހިމެނި އެ މީހުންނަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ކަމަށް މުއިއްޒު ފާހަގަ ކުރެއްވި އެވެ، އަދި އެއާއެކު އެ މީހުންނަށް ވެސް ލޯނާއި އެކި އެކި އެކި ހައުސިން ސްކީމުތަކުގައި ބައިވެރިވެވޭނެ ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ،

ހަމަ އެހެންމެ އެ ދަފުތަރާއެކު ހައުސިން ސްކީމުތަކުން ވަކި ޕަސެންޓޭޖެއް ޓެކްސީ ޑްރައިވަރުންނަށް ކަނޑައަޅަން ފަސޭހަވެގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ،

"އަޅުގަނޑުމެންގެ ވިސްނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ކެޓަގަރީއެއް ކަނޑައަޅައި ނުވަތަ ވަކި ޕަސެންޓޭޖެއް ކަނޑައެޅުން ސޯޝަލް ހައުސިންގައި ފްލެޓް ލިބޭ ފަރާތްތަކުގައި ހިމަނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ޕާކިން ވަޔަލޭޝަން ސްޓިކާ މާފުކުރަން ވެފައިވާ ވައުދު މިއަދު ވެސް ތަކުރާރު ކުރައްވާފައެވެ. "އަޅުގަނޑު އިއުލާންކޮށްފައި އޮންނާނީ ޖޫރިމަނާތައް މާފުކުރާ ވާހަކަ. އެއީ ހަމައެކަނި ޒުވާން ކުދިންގެ ސައިކަލުގެ ވާހަކައެއް ނޫން. ހަމަ ހުރިހާ ޕާކިން ވަޔަލޭޝަން، ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދޭނަން. އެއީ ޓެކްސީ ޑްރައިވަރުންނާއި ލޮރީ ޑްރައިވަރުންނާއި ޕްރައިވެޓް ކާރާއި ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޕާކިން ބިލްޑިން ހަދައި މަގު ހަދައި އިންޑަސްޓްރިއަލް ވިލެޖުގެ ޕްލޭނާއި އެއްގޮތަށް ދިޔަނަމަ ވަރަށް ގިނަ ކަންތައްތައް މިހާރު އޮންނާނީ ހައްލުވެފައި ކަމަށެވެ.

އެހެންކަމުން ވެރިކަމަށް އާދެވިއްޖެނަމަ އެކަންކަން ކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވީ އެކަން ކުރާނީ ވަރަށް އަވަސް ބާރުމިނެއްގައި ކަމަށާއި ޕާކިން ބިލްޑިންތައް ހަދާނީ މާލެއާއި ހުޅުމާލޭގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑރ އިންޒާރު

    މިސަރުކާރުން ނުހައްގުން ވަޒީފާއިން ވަކި ކުރި މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަދިވެސް ޑރ މުއިއްޒު ބަސްފުޅެއް ވިދާޅުވެފައެއް ނުވެ. ޔާމީނު ގެ ސަޕޯޓަރުން ނަށް ވަރަށް އަނިޔާވެރި މިސަރުކާރުން ވީ. އެތައް ސަތޭކަ މީހުން ވަޒީފާއިން ވަކިކުރި. ކޮބާހޭ އެފަރާތް ތަކުގެ ހައްގު. ރައީސް ޔާމީން ގެ ހައްގު ގައި މަސައްކަތް ކުރުން އަނިޔާ ލިބުނު މީހުން ގެ ހައްގު ކޮބާހޭ ޑރ މުއިއްޒު ބަސްފުޅެއް ވިދާޅުވާށޭ. ޝުކުރިއްޔާ

    • މުއިއްޒު މިފަހަރު

      ވަރަށް އިހުތިރާމްއާއިއެކު ބުނެލަން. މުއިއްޒު ވަނީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލާނެކަމާއި، ވަޒީފާއެއް ނެތް މީހަކު ނުހުންނަވަރަށް ހާލަތު ރަނގަޅުކޮށްދޭވަނެކަމަށް ވައުދުވެލައްވާފަ

      10
  2. މުއިއްޒު ފޭން

    ކަސްޓަމްސްގެ މުވައްޒަފުން ،އިމިގުރޭޝަން އަދި އޭވިއޭޝަން ސެކުއިރިޓީ ،ޕަދަ ބޯޑަރގައި މަސައްކްތަކުރައްވާ މުވައްޒަފުންގެ ހައުސިން ސުކީމް ،މުސާރަ، ރިސްކްއެލަވަންސް އެބަޖެހޭ ރިވިއުކުރަން.ރިސްކް އެލެވަންސް ރާއްޖޭގެ ހުރިހާ މުވައްޒަފުންނަށް ދޭނެކަމުގެ ޔަގީންކަން.
    ފުލެކްސިބަލް ވޯކިންގް ގަޑިތައް،،ރޯދަމަހު ސުކޫލްބަންދު ކުރަން އެބަޖެހޭ.މި އޮތްބޮޑު ސުރީލަންކާގަވެސް އިސްލާމީ ސުކޫލްތައް ބަންދު.މުއިއްޒު މިކަންތައް ވިސްނަވާ

  3. ބޯހަލާކު

    ފުލެޓު ތަ؟ ނޫނީ ނޭވާލޭވޭ ފޮށްޓެއްތަ،؟ ކީށްކުރާ ފުލެޓަކާ ބުރިޖެއް؟ ޒުވާންޖީލު ޑުރަގު ހަގުރާމައިގަ ޖެހި ނެތި ހުންވަނީ،

    2
    0