ޓެކްސީގެ ގަވައިދަށް ބޮޑު ބަދަލެއް ގެނެސް ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ލާޒިމް ކުރާ އުސޫލަށް އަމަލު ކުރަން އިތުރު ތިން މަސް ދުވަހުގެ މުހުލަތެއް ދީފިއެވެ.

އެ އުސޫލުގައި ބުނެފައިވާގޮތުން ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެންވާނެ ކަމަށެވެ.

މިގޮތަށް ކޮށްފައިވާ ރިކޯޑިންގތައް، އެ ރިކޯޑުކުރެވޭ ތާރީހުން ފެށިގެން މަދުވެގެން ހަތް ދުވަހުގެ މުއްދަތަށް، އެ ޓެކްސީއެއްގެ ޓެކްސީ ސެންޓަރުން ބަލަހައްޓަންވާނެ ކަަމަށް ބުނެފައި ވެއެވެ.

ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި، ހުންނަން ޖެހޭ މިންގަނޑުތައް

  • - ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ހާޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓްކޮށް ރައްކާ ކުރުން
  • - ޓެސީއަށް އަރާ ފަސިންޖަރުންގެ ރައްކައުތެރިކަމަށް ޓަކައި، ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯތައް އެހެން އެއްވެސް ޑިވައިސްއަކަށް އެޅުމާއި، ވީޑިއޯ ރިކޯޑިންގތައް އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކާ ހިއްސާ ކުރުމަކީ މަނާކަމެއް. އަދި އެ ކެމެރާތަކުން ވީޑިއޯއާއެކު އަޑު ވެސް ރިކޯޑު ކުރެވެން ޖެހޭ
  • - ޓެކްސީ ދުއްވަމުންދާއިރު، އެ ޓެކްސީއެއްގައި ކެމެރާ ހަރުކޮށްފައިވާކަމާއި، އެ ކެމެރާއިން ރިކޯޑު ކުރަމުންދާކަން، ފަސިންޖަރުންނަށް، ޓެކްސީ ޑްރައިވަރު އަންގަން ޖެހޭނެ.
  • - ޓެކްސީތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރިކޯޑުކުރާ ދުވަހުން ފެށިގެން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި
    ވީޑިއޯ ރިކޯޑިންގތައް އޯވަރރައިޓް ކުރެވި، އިންސްޓޯލްކޮށްފައިވާ ސިސްޓަމް ސްޓޯރޭޖް ޑިވައިސްގެ ތެރޭގައި ރައްކާ ކުރަން ޖެހޭނެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނެފައިވާ، ޓެކްސީގެ ބިއްލޫރި ކަޅުކުރެވޭނީ، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަ ވަރަށް ކަަމަށެވެ.