ކުރީގެ ރައީސް ޔާމީން މިނިވަންވުމާއެކު އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާނެ ކަމަށާއި، އޭގެ ސަބަބުން މިސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެގެން ދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޔާމީނުގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ، މިއަދު ހާމަވެގެން ދިޔައީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. އަދި ޔާމީނުގެ އެއްވެސް ކުށެއް ނެތްކަން ކޯޓު މަރުހަލާގައި ސާބިތުކޮށްދެއްވުމަކީ އެމަނިކުފާނަށްޓަކައި ފަހުރުވެރިވާ ކަމެއް ކަމަށް އާދަަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުޅިން އާ މަންޒަރެއް ފެނިގެން ދާނެ ކަމަށެވެ. ރައްޔިތުންނަށް އުފާވެރި މުސްތަގްބަލެއް ފެނިގެންދާނެ ކަމުގެ އުންމީދު އާވެގެން ގޮސްފި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން މިނިވަންވެގެން ދިއުމާއެކު، އަޅުގަނޑުމެންގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަރުވާނަން. އަދި އެއާއި އެކީ މިހާރު އޮތް ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އިދިކޮޅު ކޯލިޝަނަކީ މަގުމައްޗަށް ނުކުމެގެން ވެރިކަން ބަދަލުކުރާނެ ބައެއް ނޫން ކަމަށެވެ. އެ ކޯލިޝަނުން ވެރިކަން ބަދަލުކުރާނީ ގާނޫނީ އިމުގެ ތެރެއިން، ވޯޓު ފޮށިން ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުން އެނގިގެން ދިޔައީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގައި ސުޕްރީމް ކޯޓުން ގާނޫނުތައް ދަމަހައްޓާކަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީއަތާއި، ޖުޑިޝަރީއަށް ރައްޔިތުން ކުރާ އިތުބާރު ދަމަހައްޓައިގެން ސުޕްރީމް ކޯޓުން މަސައްކަތް ކުރާނެކަން ހާމަވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ސަރުކާރަކީ ބަލިކަށި ސަރުކާރެއް. އެހެންވެތާ މިއުޅޭ ހުރިހާ ބާގީންނާއެކު ކޯލިޝަންވެގެން އެތިބެނީ. އިމްރާނުދެކެ ވެސް އެހާ ބިރުގަނޭ، މިހާވަރަށް ބަލިކަށިވާނީ

  21
  3
 2. Anonymous

  ކުރު ސޯޓުލައިގެން ފުޓުބޯޅަ ކުޅުވާ ފައިސާއާއި މަގާމު ދީގެން ބާޣީން ގެންގުޅޭނީ ބަލިކަށިކަމުން ނޫންތަ؟

  18
  3
 3. މުބީނު މާރނީ

  އިބޫ ބަލިކަށި ވެއްޖެ. ގޮތް ހުސްވެއްޖެ. ގޮތް ހުސްވީމަތާ ނަޝީދު އަތުން ސިޓީ ބަލައި ހުއްދަ ނުހޯދާ ރައީސް އޮފީހަށް ވަތް ޢަބްދުﷲ ރިޔާޒް ގެ "އަތުގައި ހިފައިގެން" ޢަބްދުއްﷲ ރިޔާޒް ގެ ގެސްޓްހައުސް ހުޅުވާދޭން ދިޔައީ. އިބޫ ވެރިކަމުން ފައިބާ!!!

  7
  1
 4. ދޮންބޭބެ

  ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ކުރި ބުރަ ޕްރޮފެޝަނަލް މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވަން. ޚާއްޞަކޮށް ޑރ މުހައްމަދު ޖަމީލް އަޙްމަދުގެ ޤާބިލުކަމާ އެމަނިކުފާނުގެ ހިތުގައި އެއްވެސް ޙަސަދަވެރިކަމެއް، އަމިއްލަ އެދުމެއްނެތްކަން މި ހާމަވީ. ރައީސް ޔާމީން ޙާލުގަ ޖެހުނު ވަގުތު ޖަމީލް އެހީތެރިވިކަން މިއީ ވަރަށް އުފާކުރާކަމެއް. އިޚްލާސްތެރިކަމަކީ މިއީ. ޕީޕީއެމްގައި އޭރު ތިބި އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ ނުފޫޒުން ޖަމީލަށް އަނިޔާ ދިނީ. މިއަދު އެމީހުންނެއް ޕާޓީގައެއްނެތް. ލަނޑަޔާވާނީ ލަނޑަޔާ. ރައީސް ޔާމީން މިފަހަރު އިޚްލާސްތެރިން ހެޔޮ އެދޭ މީހުން ގާތުގައި ގެންގުޅުއްވާނެކަމަށް އުއްމީދު ކުރަން.

  4
  2