ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް، އޭނާއަށް ޖާމިނުވި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) އަށް ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވެއްޖެއެވެ.

އަލީ ވަހީދު ތިން ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ގެނައުމަށް އެ ކޯޓުން އަސްހަދުއަށް އެންގީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ތިން ދުވަސް ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނެވިއްޖެ ނަމަ އޭނާގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ. އޭނާއަށް ދިން މުހުލަތު މިއަދު ފަހަނައަޅައި ދިޔަރުވެސް، އަލީ ވަހީދު ރާއްޖެ ގެނެވިފައެއް ނުވެއެވެ. އަސްހަދުއަށް އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ.

އެ ދުވަހުގެ ޝަރީއަތުގައި އަސްހަދު ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރާ ގޮތުގައި ހަތަރު މަސް ދުވަސް ވުމުން އަލީ ވަހީދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދެވިފައެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަތަރު މަސް ވުމުން އަލީ ވަހީދު ވަނީ މިކޯޓަށް ހާޒިރު ކޮށްދެވިފައި. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި. މިކަމާއި ގުޅިގެން މަޝްވަރާ އިތުރަށް ކުރިއަށް ގެންދަން ބޭނުން ވަނީ ލޯޔަރެއްގެ އެހީތެރިކަމާ އެއްކޮށް." އަސްހަދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު ރާއްޖެ ގެންނަން ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީއަށް އެދެން ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުނުވުމުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތް ނަމަވެސް މިހާތަނަށް އަލީ ވަހީދު ހޯދަން ފުލުހުން އިންޓަޕޯލްގެ އެހީއަށް އެދިފައެއް ނެތެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ.

"އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް އަދި އެ މީހަކު ހައްޔަރުކޮށްގެން، އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ވެސް އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރެއިން ގައުމެކެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް އާއި ގުޅިގެން އިނގިރޭސިވިލާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަނީ އެގައުމުގެ ނޭޝަނަލް ސެންޓްރަލް ބިއުރޯއިންނެވެ. ރެޑް ނޯޓިސް ނެރެފައިވާ މީހަކު އިނގިރޭސިވިލާތުން ހައްޔަރު ކުރެވިއްޖެނަމަ އެމީހަކު ހައްޔަރު ކުރަން ނޯޓިސް އަށް އެދުނު ގައުމު މެދުވެރިކޮށް ރެޑް ނޯޓިސް ފިޔަވައި އެހެން ކޯޓު އަމުރެއް ހޯދަން އިނގިރޭސިވިލާތުން އެދެއެވެ. އެއަމުރު ލިބެންދެން ރެޑް ނޯޓިސް ނެރެފައިވާ މީހާ އިމިގްރޭޝަން ސެންޓަރެއްގައި ބަންދު ވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝޭހު

    އަސްހަދަކަށްނޫން މުއްދަތުދިނީކީ މުއްދަތުދިނީ އަލީ ވަހީދުއަށް