ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތައް އެހެން އެއާލައިންތަކަށް ދެމުން އެބަ ގެންދެއެވެ.

މިގޮތުން، ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި އެކަނިވެސް ޖުމްލަ 15 ފްލައިޓެއް އެހެން އެއާލައިން ތަކަށް ދީގެން އޮޕަރޭޓް ކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މޯލްޑިވިއަނުން ޓިކެޓު ނެގި ނަމަވެސް، މި ޕަސެންޖަރުން ފޮނުވާފައި ވަނީ މަންޓާ އެއާ އާއި ފްލައިމީގެ ބޯޓުތަކުގައެވެ.

މި ހަފްތާގައި މަންޓާ އެއާ އާއި ފްލައިމީ އިން ވަނީ މޯލްޑިވިއަން އަށް ފަސިންޖަރުން ގޮވައިގެން ހަނިމާދޫ، މާފަރު، އިފުރު، ކާޑެއްދޫ، ކައްދޫ، މާވަރުލު، ފުވައްމުލަކު އަދި ގަމަށް ވެސް ދަތުރުތައް ކޮށްފައެވެ. މި ހުރިހައި މަންޒިލްތަކަކީ ވެސް ގައުމީ އެއާލައިން މޯލްޑިވިއަނުން އެކަނި އާއްމުކޮށް ދަތުރު ކުރާ މަންޒިލްތަކެވެ.

މި ފްލައިޓުތައް އެހެން އެއާލައިނުތަކުގެ ބޯޓުގައި އަޅާފައި ވަނީ ޗާޓާ ފްލައިޓުތަކެއްގެ ގޮތުގައި ފްލައިޓުތައް ކުއްޔައް ނަގައިގެންނެވެ. ގައުމީ އެއާލައިން މޯލްޑިވިއަން އަކީ ރާއްޖޭގައި އެންމެ ބޮޑު ފްލީޓެއް އޮތް ޑޮމެސްޓިކް އެއާލައިނެވެ.

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ޑޭޝް މަރުކާގެ 10 ބޯޓު ގެންގުޅުނު ނަމަވެސް އެތަނުން 3 ބޯޓު މިހާރު އޮތީ ގްރައުންޑު ކޮށްފައިކަމަށް ވެއެވެ. މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ޑިމާންޑާއި އެއްވަރަށް ހިދުމަތް ދެވެމުން ނުދާތި ގިނަ ބަޔަކު އަންނަނީ ގައުމީ އެއާލައިނުގެ މުސްތަގުބަލާއި މެދު ސުވާލު އުފައްދަމުންކަން ފާހަގަކޮށްލެވެއެވެ.

ބައެއް ހާލަތްތަކުގައި އެއާލައިންތަކުން މިގޮތަށް އެހެން އެއާލައިނުތަކުގެ ފްލައިޓުތައް ޗާޓާކޮށް ކުއްޔަށް ނެގި ނަމަވެސް އެއީ ވަރަށް މަދުން ކުރާ ކަމެކެވެ. މިއީ ގައުމީ އެއާލައިނުން މިފަހުގެ ތާރީހެއްގައި މިގޮތަށް ޗާޓާ ފްލައިޓުތައް އެންމެ ގިނައިން އަޅާ ފަހަރެވެ. މިހައި ގިނަ ފްލައިޓުތަކެއް މިގޮތުން އެޅުމަކީ ކަންބޮޑުވާން ޖެހޭވަރުގެ ބޮޑު މައްސަލައެކެވެ.

މިއީ ރާއްޖޭގެ އެއާލައިނުތަކަށް އެންމެ ބޮޑު ފައިދާ އެއް ލިބޭ ދުވަސްވަރެވެ. ނަމަވެސް ގައުމީ އެއާލައިނުން މިފަދައިން ޗާޓާ ފްލައިޓުތައް އެޅުމުން އެ އެއާލައިނަށް ބޮޑުތަނުން ގެއްްލުންވާނެއެވެ. ސަބަބަކީ ޗާޓާ ފްލައިޓުތަކުގެ އަގު އިންނާނީ ހުރިހާ ސީޓެއް އެއްކޮށެވެ. ނަމަވެސް މޯލްޑިވިއަންގެ ގިނަ ފްލައިޓުތަކުގައި ހުރިހާ ސީޓެއް ފުރިފައި ނުހުންނާތީ އެއިން ކޮންމެ ހުސް ސީޓަކަށް ވެސް އަގު ދައްކަން ޖެހޭނެތީއެވެ.

މިފަހަކަށް އައިސް ގައުމީ އެއާލައިނުގެ ފެންވަރު ވަރަށް ބޮޑުތަނުން ދަށްވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުގެ އިތުރުން އެއާލައިން ބަނގުރޫޓުވެދާނެ ކަމަށްވެސް ގިނަ ބަޔަކު މީސް މީޑިއާގައި ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސސ

  ޤައުމީ އެއާރލައިނުން އެހެން މީހުނަށް ފައިދާ ހޯދާދެނީ ނުންތޯ ؟

  10
  1
 2. ގައުމު

  ގައުމީ އެއަރލައިން އެ ކުރަނީ ގައުމީ ޙިދުމަތް 👍🏽

  3
  8
 3. ކޮއްޔާ

  ގައުމީ އެއާލައިން ބަޏގްރޫޓް ކޮއްލުމުގެ އަޅާމާތް // ޢިންޑިޔާ އައުޓް // އިސްތިއުފާ ސޯލިހް ،،،،.

  4
  1
 4. އެލެކްސް ފައްތޭ

  މޯލްޑިވިއަން ބަގުރޫޓް ވެ ނިމިޖެއް!! ދެން ކުރާނެ ކަމެއްނެތް !!!

 5. ޥެޓްރަން

  މުޑުދާރު އަމިއްލައެދުމުން ފުޅައަޅާފަތިބި ގަބީލާ ވަގުންތަކަކާ ގައުމުހަވާލުވީމަ ލޫޓުވުން ކަމަކަށް އޮންނާނީ. އެމެޒަން ޓްރައިބްސް މާ ތަހުޒީބުވާނެ މިރާއްޖޭ ވެރިކަމުގަ ތިބި ގަބީލާއަށްވުރެ.