ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންނަށް ކާނާ އަދި ބޯ ފެން ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ތޫފާނު ރާއީ ފިލިޕީންސަށް އަރާފައިވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ތޫފާން ރާއީ އަކީ މި އަހަރު އެގައުމަށް އެރި އެންމެ ބާރުގަދަ އަދި އެންމެ ގެއްލުންބޮޑު ތޫފާނެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައެވެ.

ފިލިޕީންސަށް އެރި ތޫފާނުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ޕުރޮވިންސެއްކަމަށްވާ ބޮހޮލަށެވެ. އެ ޕުރޮވިންސްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ކަރަންޓު ކެނޑި ދަނޑުބިންތައްވަނީ ހަލާކުވެފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު މިއަދު ވިދާޅުވީ, އެގައުމުގައި ދިވެހި 45 ދަރިވަރުން ތިބި ކަމަށާއި، އެ މީހުންނަށް ކާނާ އާއި ބޯފެން ލިބިފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ، ދިވެހި ދަރިވަރުން ދިރިއުޅެމުންދާ ސަރަހައްދުން ވެސް ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ. އަދި ހުރިހާ ދަރިވަރުންގެ ވެސް ހާލު އާންމު ގޮތެއްގައި ރަނގަޅުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ތޫފާނުގެ ސަބަބުން އެސަރަހައްދަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެގައުމުގެ ކަމާއިބެހޭ އިދާރާތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މި ހާލަތުގައި ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސަފީރާއި، ފިލިޕީންސްގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް މަސައްކަތް ކުރަމުން ދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުން، މިއުވާން ވިދާޅުވީ، ބެލެނިވެރިންގެ އެދުމުގެ މަތިން އިއްޔެ އާއި މިއަދު ބައެއް ދަރިވަރުންގެ ބެލެނިވެރިންނާއި ފޮރިން މިނިސްޓްރީއިން ބައްދަލުކޮށްފައިވާ ކަމަށެވެ.