ފިލިޕީންސްގައި މީގެ ތިން ދުވަސް ކުރިން ވެއްޓުނު ކުޑަ މަތިންދާ ބޯޓުން ދަތުރު ކުރި ދެ މީހުންގެ ހަށިގަނޑު ފެނިއްޖެއެެވެ.

އޮފިޝަލުން ބުނީ ވެއްޓުނު ކުޑަ މަތިންދާބޯޓުގެ ބައިތައް ތިން ދުވަސް ފަހުން ފެނުނުއިރު، އޭގެން ދަތުރު ކުރި ފިލިޕީންސްގެ ޓްރެއިނަރު ޕައިލެޓާއި އޭނާގެ އިންޑިއާ ދަރިވަރުގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އެ ބޯޓުގެ ބައިތަކާއި،ދެ މީހުންގެ ހަށިގަނޑު އިއްޔެގެ ވަގުތެއްގައި ފެނުނުއިރު، އެ ހިސާބަށް މޫސުން ވަރަށް ގޯހެވެ.

މިދިޔަ އަންގާރަ ދުވަހު ސެސްނާ 152 މަރުކާގެ ބޯޓު ވެއްޓުނީ އިލޮކޯސް ނޯޓޭ ޕްރޮވިންސްގެ އިރުމަތީގައި އޮންނަ ފަރުބަދަމަތީ އުތުރުޕްރޮވިންސް އަޕަޔާއޯގެ ލޫނާ ޓައުން ކައިރީގައި އޮންނަ ހިންޓާލޭންޑް ވިލެޖަކަށެވެ.

އެ ބޯޓު ވެއްޓުނުކަން އެނގުމާއެކު އަސްކަރިއްޔާގެ ސިފައިންނާއި ފުލުހުންނާއި ވޮލަންޓިއަރުން އެ ބޯޓާއި މީހުން ހޯޯދުމުގެ މަސައްކަތް ފެށިއެވެ. މިކަން ފަށާފައި ވަނީ އަޕަޔާއޯ ކައިރީގައި އޮންނަ ކަގަޔަން ޕްރޮވިންސަށް އެ މަތިންދާބޯޓު ޖައްސަން ޖެހޭ ގަޑިއަށް ނުޖެއްސި ތިން ގަޑިއިރު ފާއިތުވުމުންނެވެ. އަދި އެވަގުތަކީ އެ ހިސާބަށް ވައިގަދަވެ ބޯކޮށް ވާރޭވެހި ވިޒިބިލިޓީ ދަށްވެފައިވާ ވަގުތެއް މަކުން، އެ މީހުން ހޯދުމުގެ މަސައްކަތްވެސް ވަގުތުކޮޅަކަށް ހުއްޓާލިއެވެ.

ސިވިލް އޭވިއޭޝަންގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ މީހުންނަށް ފެނުނު ބޯޓުގެ ބައިތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގެ ރަޖިސްޓްރީ ނަންބަރު އަދިވެސް އެ ބޯޓުގެ ޓެއިލްގެ އެއްފަރާތުން ފެނެއެވެ.

އިލޮކޯސް ނޯޓޭ ޕްރޮވިންސްގެ ލާއޯގް ސިޓީން ފުރުމުގެ ކްލިއަރެންސް އެ ބޯޓަށް ލިބުނީ މޫސުން ސާފުވުމާ ގުޅިގެންނެވެ. އިލޮކޯސް ނޯޓޭ އާއި ކަގަޔަން އަދި އުތުރުގެ އެހެން ޕްރޮވިންސްތަކަށް މިދިޔަ ހަފުތާގައި ބާރުގަދަ ތޫފާނެއް އައިސްފައިވެއެވެ.

ތޫފާން ޑޮކްސޫރީގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 27 މީހުން މަރުވެ، ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުން ގެދޮރު ގެއްލި، 50،000 އަށް ވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.