ފިލިޕީންސްގެ އެންމެ މަޝްހޫރު އަލިފާން ފަރުބަދަ ކަމުގައިވާ މަޔޮން އިން އަލިފާން ފައިބަން ފެށުމުން ފަރުބަދަ ކައިރީގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ފަށައިފިއެވެ.

ފިލިޕީންސްގެ ސިވިލް ޑިފެންސް އޮފީހާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި 12،800 އަށް ވުރެ ގިނަ މީހުން މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އެތަނުގައި ދިރިއުޅޭ ގިނަ މީހުންނަކީ އަލިފާން ފަރުބަދަ ކައިރީގައި އޮންނަ ދަނޑުވެރިކަން ކުރާ ރަށްރަށުގެ މީހުންނެވެ.

ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީގެ ޑިރެކްޓަރު ޓެރެސިޓޯ ބަކޮލްޗޮލް ވިދާޅުވި ގޮތުގައި މަޔޮން ގޮވަން ފަށައިފި ނަމަ، އޭގެ ނުރައްކާތެރިކަން އިންތިހާ އަށް އޮންނާނެ ކަމަށެވެ.

މީގެކުރިން 1814 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި 1200 މީހުން މަރުވެ މުޅި އަވަށް ސުންނާފަތިވެފައިވެއެވެ. ނަމަވެސް، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާތަކަށްފަހު، އެ ސަރަހައްދުގައި މަރުވި މީހުންގެ އަދަދު ވަނީ މަދުވެފައެވެ.

ވެރިރަށް މެނިލާގެ އިރުދެކުނުން ގާތްގަނޑަކަށް 330 ކިލޯމީޓަރު (205 މޭލު) ދުރުގައި އޮންނަ މަޔޮންއަކީ ފިލިޕީންސްގެ އެންމެ ހަރަކާތްތެރި 24 އަލިފާން ފަރުބަދައިގެ ތެރެއިން އެންމެ ގަދަފަދަ އެއް އަލިފާން ފަރުބަދަ ކަމަށް ބެލެވެއެވެ. ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޯލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީން ބުނީ ފަރުބަދައިން ބޭރުވާ އަނގުރު ދެ ކިލޯމީޓަރާ ހަމައަށް ދުރު ސަރަހައްދުތަކަށް ފައިބަމުންދާ ކަމަށެވެ.

ދުނިޔޭގެ "އެންމެ ކޮނިކް" އަލިފާން ފަރުބަދައެއްގެ ގޮތުގައި މަޔޮން އަކީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލުވެފައި އޮންނަ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާ

    ތިޔަ ސަރަހައްދުގަ އުޅޭތޯ ދިވެހި ކިޔަވާކުދިން.... އަދި އުޅޭނަމަ ދިވެހި ކިޔަވާކުދިންގެ ހާލަތަކީ ކޮބާބާ؟