120 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ފިލިޕީންސް ފެރީއެއްގައި އަލިފާން ރޯވެއްޖެއެވެ. މި ފެރީގައި ރޯޯވުމާއެކު ކޯސްޓްގާޑު އުޅަނދެއް އެ ސަރަހައްދަށް ގޮސް، ފެރީގައި ތިބި މީހުން ސަލާމަތްކޮށް، އެ ފެރީގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

ކޯސްޓްގާޑުން ބުނީ އެމް/ވީ އެސްޕެރަންޒާ ސްޓާ ފެރީގައި އަލިފާން ރޯވެފައިވަނީ ސިކުއިޖޯރު ޕްރޮވިންސުން ފިލިޕީންސްގެ މެދުތެރޭގެ ބޯހޯލް ޕްރޮވިންސަށް ދަތުރު ކުރަމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ނަމަވެސް ފެރީން ސަލާމަތްކޮށްފައިވަނީ ކިތައް މީހުން ކަމެއް ނުވަތަ ގެއްލުމެއް ލިބުނު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޯސްޓްގާޑުން އާއްމު ކުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އެ ފެރީގެ ފަހަތުގައި ރޯވެ، ކަޅު ދުން އަރަމުންދާ ތަނެވެ. އަދި ކޯސްޓް ގާޑު އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު، ކައިރީގައި މަސް ބޯޓަކާއި އިތުރު އުޅަނދެއް އެ ސަރަހައްދުން ފެނިގެން ދެއެވެ.

ކޯސްޓްގާޑުން އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް އަނދަމުން ދިޔަ ފެރީގައި ތިބި 65 ފަސިންޖަރުންނާއި 55 ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ.

ފިލިޕީންސްގެ އާކިޕެލަގޯގައި ކަނޑުމަތީގެ އެކްސިޑެންޓްތައް ވަރަށް އާއްމުވެެ. ގިނަފަހަރަށް މިފަދަ ކަންތައް ދިމާވަނީ ތޫފާން އައުމާއި، އުޅަނދުފަހަރު ބެލެހެއްޓުމުގައި ފަރުވާ ކުޑަ ވުމާއި، ބޯޓަށް ނުތަކާ ވަރަށް މީހުން ގިނަވުމާއި، ސަލާމަތީ ގަވާއިދުތަކަށް ބޯނެލެބުމުގެ ސަބަބުންނެވެ.

މިގޮތުން މީގެ ކުރިން މިދިޔަ މާޗް މަހުގެ ތެރޭގައި 250 އެއްހާ މީހުންނާއެކު ދަތުރުކުރި ފެރީއެއްގައި އަލިފާން ރޯވެ ރޭގަނޑު ހިނގި އަލިފާނުގެ ހާދިސާގައި 31 ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައެވެ.