ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވަސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޓިކެޓުގައި ވާދަކުރާނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

އެމްއެންޕީން ބުނީ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 5:00 ގެ ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ ޕާޓީގެ ފަރާތުން މިއިންތިހާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހު ހެނދުނު 10:00 ން ހަވީރު 05:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ އިތުރުން މާލޭގެ އެމްއެންޕީ އޮފީހުގައެވެ.

އެމްއެންޕީގެ އިތުރުން ޕީޕީއެމާއި އެމްޑީޕީން ވެސް ކޮމަންޑޫ ދާއިރާ އަށް ވާދަކުރާނެއެވެ.