ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) ގެ އެގްޒެކްޓިވް ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް އަނެއްކާ ވެސް ހޮވައިފިއެވެ.

ޕީޖީއޭ އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ، ވަކި ފަރާތަކަށް ނުޖެހޭ ބައިނަލްއަގުވާމީ ވިއުގައެކެވެ. ޕީޖީއޭގައި މިވަގުތު ދުނިޔޭގެ 140 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ 1300 މެމްބަރުން އެބަތިއްބެވިއެވެ. މި ޖަމިއްޔާ އުފެއްދީ 1978 ވަނަ އަހަރު އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ ގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަމާބެހޭ ޕާލަމެންޓް މެމްބަރުންގެ ގްރޫޕަކުންނެވެ.

ޕީޖީއޭގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. އެ ކޮމިޓީއަށް މެންބަރުން ހޮވަނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ކައުންސިލް މެންބަރުންގެ މެދުގައި ބާއްވާ އިންތިހާބެއްގައެވެ،

ޕީޖީއޭގެ 42 ވަނަ އަހަރީ ފޯރަމްގައި އެގްޒެކްޓިވް ކައުންސިލަށް ރޮޒައިނާ ހޮވުމާއި ގުޅިގެން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އާ ދައުރުގައި ކޮމިޓީގައި ރޮޒެއިނާ އިންނަވާނެއެވެ.

އެ ޖަމިއްޔާގެ މި ވަގުތުގެ ރައީސަކީ ސްވިޑެންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު މާގަރީޓާ ސީޑަފެލްޓްއެވެ. އަދި އިންޓަނޭޝަނަލް ކައުންސިލްގެ ޗެއާ އަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސައިދު ނަވީދު ގަމަރެވެ. އަންނަ ދައުރުގެ ރައީސްއަކީ މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ އިންޑިއާ ނަސްލުގެ ކަސްތުރަރަނީ ޕަޓޯއެވެ.