ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފުލުހުންގެ އިމާރާތް މިފެށޭ 2022 ވަނަ އަހަރުގެ ކުރީކޮޅު ނިންމައި ހިދުމަތްދޭން ފެށޭވަރުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ލިބުނު މީހުން އެތަނަށް ބަދަލުވަން ފެށިއިރު އަދި މިހާތަނަށް އެތަނުގައި ފުލުހުންގެ ޕޮލިސް ސްޓޭޝަނެއް ނެތެވެ. ނަމަވެސް ފްލެޓް އިމާރާތެއްގައި ފުލުހުންގެ ހިދުމަތް މިހާރު ވެސް ވަނީ ފަށާފައެވެ. ފްލެޓް ސަރަހައްދުގައި އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ފުލުހުން ވިދާޅުވީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށްޓަކައި އަޅާ ޕޮލިސް ސްޓޭޝަން އިމާރާތް އެޅުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. ޕޮލިސް ސްޓޭޝަނާއެކު، ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ފަހިވެގެންދާއިރު، އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަމަޖެހިގެންދާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ޕޮލިސް ސްޓޭޝަން އިމާރާތުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ދެވަނަ ފިޔަވައްސަކީ ގިނަ ބަޔަކު ޒިޔާރަތްކޮށް އަދި ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ސަރަހައްދަކަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން އެތަނުގައި މަސައްކަތްތަކެއް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، ޕެޓްރޯލްކުރުމާއި ކުށުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ރާވައި ސިލްސިލާކޮށް ހިންގަމުންދާ ކަމަށްވެސް ފުލުުހުން ވިދާޅުވިއެވެ.

ދެ ވަނަ ފިޔަވަހީގައި ކުށް މަދުކުރުން

ފުލުހުން ވިދާޅުވީ ދެވަނަ ފިޔަވަހިން ހުށަހެޅޭ މައްސަލަތަަކަށް ބަލާއިރު ގިނައިން ހުށަހެޅެނީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުގެ މައްސަލަތައް ކަމަށެވެ. ވައްކަމުގެ މައްސަލަތަކުން ގިނައިން ހުށަހެޅިފައިވަނީ މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓުގެ މައްސަލަތަަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދާ ހިލާފަށް ޔޫޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ފުލުހުން ފާހަގަކުރެއެވެ.

އަދި އެ ސަރަހައްދުގެ މަގުތަކަކީ އެކަށީގެންވާ އަލިކަން ނެތް މަގުތަކަށް ވާއިރު، އުޅަނދުގެ ޓެއިލް ލައިޓް ނުދިއްލި ހުރުމުގެ ސަބަބުން އަދި މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުތައްވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މައްސަލަތައް މަދުކޮށް، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ފުލުހުން ވަނީ ރާވާފައެވެ. ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދިއުމަކީ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކާއި އިތުރު ބާރަކަށްވެގެންދާއިރު. އެކަމުގައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރުވެސް ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އުޅަނދު ޕާކުކުރުމުގައިވެސް އެހެން މީހުންނަށް ދަތިނުވާނޭހޭން ޕާކުކޮށްފައި ބެހެއްޓުމަށާއި އަދި އުޅަނދު ޕާކުކޮށްފައި ދާއިރު ސައިކަލުގެ މަޑިދަށާއި ޕޮކެޓުގައި އަގުބޮޑެތި ތަކެތި ނުބެހެއްޓުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ. ސައިކަލު ޕާކުކޮށްފައިދާއިރު ހުންގާނު ތަޅުލުމާއި ޝަޓާލޮކް ކުރުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ވައްކަންކުރާ މީހުންނަށް ފުރުސަތު ނުލިބޭނޭހެން މުދަލަށް ރައްކާތެރިވުމާއި ދޮރުތައް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށާއި މަސައްކަތް ކުރަމުންދާ ތަންތަނުން މަސައްކަތް ނިންމާފައިދާއިރު، ގެންގުޅޭ ތަކެތި ރައްކާތެރިތަނެއްގައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރިއެވެ. ބެލްކަނީގައި ކުޑަކުދިން އެކަނި ނުބޭތިއްބުމަށްވެސް ފުލުހުން ނަސޭހަތްތެރިވެއެވެ.