ނ. މަނަދޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައި ބިމުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރަން ހަވާލުކޮށްފިއެވެ.

މަނަދޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައި ވަނީ 132،000 އަކަފޫޓުގެ ބިމެއްގައެވެ.

މަދުވެގެން 50 ކޮޓަރި ހިމެނޭ އެ ހޮޓާ ތަރައްގީ ކުރަން ހަވާލުކުރީ ""ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާލަމަނަންޓް ސެކެރަޓީ ފާތިމަތު ނިލްފާއެވެ. އަދި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ބައިވެރިވެވަޑައިގަތެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން މި މަޝްރޫއު ނިމި އެ ތަން ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށެވެ. މަޝްރޫއުގެ އަގުގެ ތަފްސީލެއް އަދި ނުލިބެއެވެ.