ޓީވީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމާ ބެހޭ ހަމަތައް ބަޔާން ކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް ހިޔާލު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއިން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުން އެއް ހަމައެއްގައި ފުރުސަތު ދޭން ޖެހޭ ގޮތަށް ލާޒިމްކޮށް، އަދި ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކުރުމާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ އެ ބިލު ތަސްދީގުކުރައްވައިފަ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުންގެ ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރާއި ޕްރޮގްރާމް ފޮނުވުމަށް ވަގުތު ދިނުމުގައި ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް ކަނޑައަޅާއިފައިވާ ކަމަށް ބްރޯޑްކޮމް އިން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.

އުސޫލުގައިވާ ގޮތުން ކެނޑިޑޭޓުންނަށް ހާއްސަކޮށް ގެނެސްދޭން ޖެހޭނީ އެ ކެންޑިޑޭޓެއްގެ ފަރާތުން ނުވަަތަ ސިޔާސީ ޕާޓީއަކުން ތައްޔާރުކޮށް އޮން އެއާ ކުރާ ޕްރޮގްރާމުތަކާއި ކެންޑިޑޭޓުން ޕްރޮމޯޓު ކުރަން ފޮނުވާ އިސްތިހާރުތަކާއި ސިޔާސީ ޕާޓީތަކުން ބާއްވާ ރެލީތައް އަދި ނިއުސް ކޮންފަރެންސްތަކެވެ.

ބްރޯޑްކޮމް އިން ނެރުނު އުސޫލުގައި ބުނީ ހަމަތަކާ ހިލާފުވާ ކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާ މެދު ހުށަހަޅާ ޝަކުވާތައް ބަލައި، އަޅާނެ ފިޔަވަޅުތައް އުސޫލުގައި ހިމެނޭނެ ކަމަށެވެ.

އުސޫލު ތަކާއި ހިލާފަށް އަމަލުކުރާ ނަމަ އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. އޭގެ ތެރޭގައި ޖޫރިމަނާ ކުރުމާއި މާފަށް އެދެން އެންގުމުގެ އިތުރުން ލައިސަންސް ބާތިލްކުރުން ހިމެނެ އެވެ.

މީގެ އިތުރުން ސިޔާސީ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ސްޓޫޑިއޯ ޕްރޮގްރާމްތަކާއި ސިޔާސީ ބޭފުޅުންގެ އިންޓަވިއުތައް ގެނެސްދޭން ޖެހޭނެ ކަމަށް ވެސް ވެސް ބްރޯޑްކޮމް އިން ނެރުނު އުސޫލުގައިވެ އެވެ.

މީގެ ކުރިން އިންތިހާބުތަކުގެ ކެމްޕެއިނަށް ޕާޓީތަކަށް އިތުރު ވަގުތު ވިއްކައިގެން އަމިއްލަ މީޑިއާތަކުން މީގެ ކުރިން ދިޔައީ އާމްދަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު