ރާއްޖޭގެ ހުރިހާ ރަށެއްގެ ޞިއްޙީ ނިޒާމު އެއްވަރަކަށް ތަރައްޤީކޮށް، އެއްވަރަކަށް ގެނައުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު މ. ކޮޅުފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ހުރިހާ ރަށެއްގެ ޞިއްޙީ ނިޒާމު އެއްވަރަކަށް ކުރިއަށް ނުގެންދެވުނު ކަމުގައިވިޔަސް، ހުރިހާ ރަށެއްގެ ޞިއްޙީ މަރުކަޒުތައް، ޓެލެމެޑިސިންގ ޒަރީއާއިން އެއް ވިއުގައަކުން، މައި ހޮސްޕިޓަލާ ގުޅާލާނެކަމަށެވެ. އޭރުން، ބައްޔެއްގެ މައުލޫމާތު ފަސޭހައިން ލިބޭނެކަމަށްވެސް، ރައީސް ވިދާޅުވިއެވެ.

"މިހެން ހުންނަ ދުރު ރަށްތަކުގައި ހުރިހާ ކަމެއް ހަމަ ކޮށްދިނުމަކީ އަޅުގަނޑުމެންނަށްވެސް ފަސޭހަ ކަމަކަށް ނުވާނެ. އަދި ފަސް އަހަރެއްގެ ތެރޭގައި ކޮށްދެވޭނެ ކަމަކަށްވެސް ނުވޭ. މިއަށް އޮންނަ ހައްލެއްގެ ގޮތުގައި މިއޮތީ ހަމަ ހަގީގަތުގައިވެސް މިހެން ހުންނަ ސިއްހީ މަރުކަޒުތައް ނެޓުވާކަކުން ގުޅާލާފައި އަދި ޞިއްޙީ ދާއިރާގެ ފަރުވާއާއި ޞިއްޙީ ދާއިރާގެ އެޑްވައިޒް، އެކަމުގެ ފަންނީ މީހުން އެތިބެނީ މާލޭގައިކަމަށް ވާނަމަވިޔަސް، ތިނަދޫގައިކަމަށްވިޔަސް، ފުވައްމުލަކުގައި ކަމަށް ވިޔަސް އޭގެ ފަންނީ މައުލޫމާތު، މިތާ ތިބޭ ޑޮކްޓަރުންނާ ހިއްސާކޮށްގެން، އެމީހުންގެ އުރުޝާދާ އެކީ ޕޭޝަންޓުންނަށް ހިދުމަތް ދިނުން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ޑޮކްޓަރަކު އެއް ރަށަކަށް ގޮސް އެތަނުގައި ކޭމްޕު ޖަހާ އަދި އެހެން ތަނަކަށް ގޮސް އެތަނުގައި ކޭމްޕު ޖަހައިން ޚިދުމަތް ދިނުމަކީވެސް ފަސޭހަކަމަކަށް ނުވާނެކަމަށެވެ.

މިއަދު ކޮޅުފުށީގައި ބޭއްވި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި، މުވައްޒަފުން ނުވަތަ ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ ބޭފުޅުން، މަސައްކަތުން މުސްކުޅިކުރާ ނުވަތަ ރިޓަޔާ ކުރާ އުމުރަކީ 65 އަހަރުކަމަށެވެ. އަދި، ބޭނުންކަމުގައިވާނަމަ، 55 އަހަރުގައި ރިޓަޔާ ކުރުމުގެ ފުރުސަތު އޮންނަކަމަށެވެ. އަދި، މިގޮތަށް ކުރީގެ ސަރުކާރުތަކުން ކަންތައް ކުރައްވާފައިވަނީ ވަރަށް ބޮޑަށް ވިސްނަވާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، އުމުރުން 55 އަހަރުވުމުން ނުވަތަ 60 އަހަރުވުމުން ކޮންމެހެން ރިޓަޔާ ކުރަން ނުޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ބައެއް ދާއިރާތަކުން މިސާލު ދައްކަވާ ރައީސް ވިދާޅުވީ، ބައެއް ދާއިރާތަކުގެ ޑޮކްޓަރުންނަކީ ވަރަށް ދުވަސް ވަންދެން މަސައްކަތް ކުރައްވާ ބޭފުޅުންކަމަށާއި އަދި އެމަންޒަރު އަޅުގަނޑުމެންނަށް ފެންނަކަމަށެވެ.

"އަޅުގަނޑުމެންގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް މި އަންނަ ބަދަލުތަކަށް ބަލާއިރު، އަދި އަޅުގަނޑުމެންގެ ހަރަކާތްތެރިކަމަށް ބަލާއިރު، އަޅުގަނޑު ގަބޫލެއް ނުކުރަން 55 އަހަރާއި 65 އަހަރާ ދޭތެރޭގެ މީހުންނަކީ ކޮންމެހެން މަސައްކަތެއް ނުކޮށް، ކުރާނެ ކަމެއް ނެތިފަ، އަދާކުރާނެ ވަޒީފާއެއް ނެތިފަ ތިބެންޖެހޭ ބައެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މި މީހުންނަކީ މަސައްކަތް ކުރެވޭނެ ބައެއް. 60 އަހަރުން މައްޗަށް ދިޔައިމައިވެސް އެކި ފަންނުތަކުގެ މީހުންނަކީ މަސައްކަތް ކުރެވޭނެ މީހުން." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވެފައިވަނީ 60 އަހަރުވުމުން ސްކޫލަށް ގޮސް ޓީޗަރަކަށް ކިޔަވައިނުދެވޭނެކަމަށް ހީކުރާ ހީކުރުންވެސް ބަދަލު ކުރަންވެސް ޖެހޭކަމަށެވެ. އެގޮތުން، ދުނިޔޭގެ ބައެއް ޤައުމުތަކުގައި، ބޮޑެތި ޔުނިވަރިސިޓީތަކުގައި، ބޮޑެތި އޮޑިޓޯރިއަމް ތަކުގައި ލެކްޗަރ ތައް ނަގައިދިނުމަށް ތިބެނީ އެއުމުރުގެ މީހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ މީގެ ފަސް އަހަރުކުރިން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވޭނެ ކަމަށް އެއްވެސް ބަޔަކު ހިތަކަށް ނާރާކަމަށެވެ. އަދި، މާލެއާއި ހުޅުލެއާ ދެމެދު ބްރިޖު އެޅޭނެއެކޭވެސް އެއްވެސް ބަޔަކު ހިތަށް ނާރާކަމަށެވެ. އަދި، މިހާރު ދިވެހި ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭކަމަށާއި، އެފެންވަރަށް އަދި ރީޖަނަލް ހޮސްޕިޓަލްތައްވެސް ތަރައްޤީވާނެކަމަށް ވިދާޅުވިއެވެ. އަދި، ލޯނު ނަގައިގެން ކަންކަން ކުރަނީ މި ސަބަބަށްޓަކައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ބިން ހިއްކާފައި ރަށްރަށުގެ ބިންތަކުގައި އެޕާޓްމަންޓްތައް އަޅައިގެން، އެތަންތަންވެސް ރައްޔިތުންނަށް ދޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިނު

    ކީއްކުރަން ؟