މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް ފަހުގައި އުންމީދު ކުރެއްވި އެއް ކަމަކީ ބައިގަޑިއިރުގެ ތެރޭގައި ފަސް ކިލޯމީޓަރު ދުވުން ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައިގަޑިއިރަށް ވުރެ ކުރިން ފަސް ކިލޯމީޓަރު ދުވުމަކީ އެމަނިކުފާނު ޖަރުމަނު ހޮސްޕިޓަލްގައި އޮންނަވައިގެން އަމިއްލަ ނަފްސަށް ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.

އޭގެ ފަހުގައި ނަޝީދު ވަނީ މިއަދު ހެނދުނު 34 މިނެޓު ތެރޭގައި ފަސް ކިލޯމީޓަރު ހަމަ ކުރެއްވި ކަން ހާމަކޮށްދޭ ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ.

ނަޝީދު ވަނީ ޖަރުމަނު ހޮސްޕިޓަލްގައި ވެވަޑައިގެންނެވި ވައުދު ހާސިލް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ޖަރުމަނު ހޮސްޕިޓަލަށް ވަޑައިގެންނެވީ ހަރުކަށި ފިކުރުގެ ބަޔަކު އެމަނިކުފާނަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ.

ނަޝީދަކީ މީގެކުރިން ވަރަށް ބޮޑަށް ކަސްރަތަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އެގޮތުން ހަމަލާގެ ކުރިން ނަޝީދު ވަރަށް ގިނަ އިން މާލޭގެ މަގުތަކުގައި ދުވަން ވެސް ނުކުންނަވައެވެ.

ހަރުކަށި ފިކުރު މީހުން ނަޝީދަށް ހަމަލާ ދިނުމަށް އެކި ގޮތް ގޮތުން ރާވާފައިވެއެވެ. އެގޮތުން މެރީ ބްރައުން ކުރިމަތީގައި ހުންނަ ސައިކަލް ޒޯންގައި ސައިކަލެއް ބަހައްޓައި މަޑި ދަށުގައި އައިއީޑީއެއް ހަރުކޮށް އެ ގޮއްވާލައިގެން ނަޝީދަށް ހަމަލާ ދޭން ވެސް ރޭވި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށްވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވި ގަލޮޅު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިހުރި ބާރުގަދަ ބޮމެއް ގޮއްވާލާ ދިން ނިރުބަވެރި ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަންނަވާފައެވެ.

ދީނުގެ ނަމުގައި އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ދިން ކަމަށް ތުހުމަތުކުރާ އެ ހަމަލާއަށް ފަހުގައި ނަޝީދު ވަނީ ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަ ކުރައްވާފައެވެ. އެގޮތުން ޖަރުމަނުންނާއި، އިނގިރޭސިވިލާތުން ވެސް އެމަނިކުފާނު ބޭސް ފަރުވާ ހޯއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޮލް

    ތިޔަ އުޅެނީ އަނެއްކާވެސް ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށްގޮސް އަނގަވަތަށް ވެއްޓޭ ހިތުން. މިހާރު ދެފަހަރު ވެއްޓިއްޖެ. އަދިވެސް އިބުރަތް ހާސިލުކުރާކަށް ނޫޅޭ.

    17
    1
  2. ހުސޭނުބޭ

    ދުވާތަނު ވަށައިގެން ރަތް ރޮނގު ދަމާގެން ރައްޔިތުންނަށް އަނެއް ދުއްޕާނެއްކުރަން ތި އުޅެނީ

    18
  3. Anonymous

    ސިކުންތަކު 9.1 ފޫޓަށް ނުވަތަ 2.8 މީޓަރަށް ދުވެވޭނެނަމަ ކޮންމެ މީހަކަށް ވެސް ތިކަން ވާނެ. މިނިޓަކު 546.81 ފޫޓު ނުވަތަ މިނިޓަކު 166.7 މީޓަރު.

  4. ސަންފައްތަ

    އަހަރުމެންނަށް ވަރިހަމަ ކަލޭ އެއްހާސް ކިލޯމީޓަރަށް ގޮނޑިދުއްވިޔަސް. އަހަރުމެންނަށް ކަލޭ މުހިންމެއްނޫން.

  5. ޖަމީލުބެ

    ބައި ދައުރުން 5 އަހަރުގެ ދައުރު ދުއްވާލި މީހާ

  6. އަލީމޫސާ

    މީނާ ގެ މައިބަދައިގެ ޑިސްކްތައް މައްސަލަޖެހިފަ ހުރގެން ގޮޑިވެސް ދުއްވި. 30 މިނެޓުން 5 ކިލޯމީޓަރަށް ދުވަން ރަގަޅަށް ނުވާނެ އަނެއްކާ މައިބަދަ ގުޑާލަފާނެ. ކަންދެއްކުމަށް ކުރާކަންތައް.

  7. އ.އައުޓް

    ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ އިގިރޭސި ވިލާތުގައެވެ. ހުރިހާ ގޮތަކުންވެސްމަނިކުފާނާއި ގުޅޭނީ އެގައުމެވެ. ދުވުމުގެ ބަދަލުގައި ގޮޑިދުއްވާށެވެ. ހަށިގަޑަށް ލުއިކަމާއި ބުންވަރު މާބޮޑުތަނުންވެސް އައުމަކީ ނުވެ ނުދާނެކަމެއް ކަމުގައި ޑަކްޓަރުން ވިދާޅުވެއެވެ. މިއީ ދިވެހި މުސްލިމު ރައްޔިތުންނަށް މަނިއްޕުޅައް ކޮށްދެވޭނެ ވަރަށް ބޮޑު ކަމެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރާނެ ކަން މުޖައްރިބެވެ.