ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހުކުރު ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އެފްރިކާއަށް ކުރައްވާ ދަތުރުފުޅަށް ފަހު، ރާއްޖެއާއި ލަންކާއަށް ވަޑައިގަންނަވާނެ ކަން ޗައިނާ ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެކަމަކު އޭރު ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ވިދާޅުވީ އެ ދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަޑައިގަންނަވާނީ ހުކުރު ދުވަހު ކަމަށެވެ.

ހުކުރު ދުވަހު ވަޑައިގަތް ނަމަވެސް ރަސްމީ މަސައްކަތާއި ބައްދަލުވުންތައް ފައްޓަވާނީ ހޮނިހިރު ދުވަހު ކަމަށް މިއުވާން ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މުޅި މި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ގެންދަން ވެސް އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރައްވާނެއެވެ. އަދި އެ މުނާސަބަތާ ގުޅުވައި ބޭނުން ކުރާނެ ޚާއްސަ ލޯގޯއެއް ވެސް އިފްތިހާހް ކުރާނެއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އިތުރު އެމްއޯޔޫތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަން ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާއިރު 2019 ވަނަ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ވެސް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ހައިސިއްޔަތުން ޝާހިދު އެ ގައުމަށް ވަޑައިގެންނެވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީވެދިން ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. އެގައުމުން ރާއްޖެއަށް ވެކްސިނާއި ސިއްހީ ގިނަ ސާމާނުތަކެއް ވަނީ ހަދިޔާކޮށްފައެވެ.

މި ސަރުކާރުން ޗައިނާ ހިމެނޭހެން ހުރިހާ ގައުމަކާއި ވެސް އެއް ހަމައެއްގައި ގުޅުން ބާއްވަމުންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ވެސް ވަނީ "ވަން ޗައިނާ ޑިޕްލޮމެޓިކް ޕޮލިސީ" ދަމަހައްޓާނެ ކަމުގެ ޔަގީން ކަން ވެސް ވަނީ އަރުވައިފައެވެ.